ސުޕްރީމް ކޯޓްގެ ފަނޑިޔާރު އާދަމް މުހައްމަދުގެ ސުލޫކީ މައްސަލަ ބެލުމަށް ހިންގާ ތަހުގީގުގައި މާދަމާ ބާއްވަން ހަމަޖެހިފައި އޮތް އަޑުއެހުން ފަސްކޮށްފައިވާ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނެފިއެވެ.
އެ ކޮމިޝަނުން ބުނީ، އަޑުއެހުން ފަސްކުރީ ފަނޑިޔާރު އާދަމް މުހައްމަދު ދަތުރުފުޅެއްގައި ފުރާވަޑައިގަތުމަށް ހަމަޖެހިފައިވާތީ ކަމަށެވެ. އަދި އަޑުއެހުން ދެން އޮންނާނީ ދަތުރުފުޅަށްފަހު އެނބުރި ވަޑައިގަތުމުން ކަމަށް ބުންޏެވެ.
މާދަމާ ބާއްވަން އޮތް އަޑުއެހުމަކީ ފަނޑިޔާރު އާދަމް މުހައްމަދަށް ގާނޫނީ ވަކީލަކު ހަމަޖައްސަން ފަހު ފުރުސަތު ދިނުމަށްފަހު ބާއްވަން ތާވަލު ކުރި އަޑުއެހުމެވެ.
ވަކީލަކު ހަމަޖެއްސުމުގެ ފަހު ފުރުސަތެއް ފަނޑިޔާރު އާދަމް މުހައްމަދަށް ދޭން ޖޭއެސްސީން ނިންމީ، ފަނޑިޔާރުގެ ސުލޫކީ މައްސަލައާ ގުޅިގެން މިދިޔަ ބުރާސްފަތި ދުވަހު އޮތް އަޑުއެހުމަށް ގާނޫނީ ވަކީލު ވަޑައިނުގަތުމާއި ގުޅިގެން ވަކީލަކު ހަމަޖައްސަން ފުރުސަތު ދިނުމަށް އެދިވަޑައިގަތުމުންނެވެ.
ފަނޑިޔާރު އާދަމް މުހައްމަދުގެ ސުލޫކީ މައްސަލައިގެ އަޑުއެހުމެއް ފުރަތަމަ ބޭއްވީ މިދިޔަ ބުދަ ދުވަހުއެވެ. އެދުވަހުގެ އަޑުއެހުމުގައި ފަނޑިޔާރު އާދަމްގެ ގާނޫނީ ވަކީލެއްގެ ގޮތުގައި ވަޑައިގަތީ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދާއި ޖުޑިޝަލް އެކަޑަމީގެ ކުރީގެ ޗާންސެލަރު އަހުމަދު މާޖިދެވެ.
ނަމަވެސް މައްސަލަ ބަލާ ޖޭއެސްސީގެ ކޮމިޓީން ނިންމީ ޖަމީލު ހުށަހަޅުއްވާފައިވާ ދުސްތޫރީ މައްސަލައެއްގެ ފަނޑިޔާރެއްގެ ގޮތުގައި ފަނޑިޔާރު އާދަމު ހިމެނިވަޑައިގަންނަވާއިރު އެއީ މަސްލަހަތު ފުށުއަރާ ކަމެއް ކަމުން، އެ މައްސަލައިގެ ހަސްމަކު ފަނޑިޔާރު އާދަމުގެ ދިފާއީ ވަކީލެއްގެ ގޮތުގައި ހަމަޖެއްސުމަކީ ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ހިލާފު ކަމެއް ކަމަށެވެ.