ޚަބަރު

އައިޖީއެމްއެޗްގައި ހިލޭ ކަކުލު ހުޅު ބަދަލުކުރުމުގެ 100 ވަނަ ސާޖަރީ ކޮށްފި

އާނިފާ ހުސެއިން ސިރާޖް

އާސަންދަ މެދުވެރިކޮށް ކަކުލު ހުޅު ބަދަލުކުރުމަށް ސާޖަރީ ކުރުމަށް ފެށި މަޝްރޫއުގެ ދަށުން ރާއްޖޭގެ 100 ވަނަ ބަލިމީހާގެ ސާޖަރީ ކާމިޔާބުކަމާއެކު އައިޖީއެމްއެޗްގައި މިއަދު ކޮށްފިއެވެ.

އައިޖީއެމްއެޗުން ބުނީ މި ސާޖަރީ ކާމިޔާބުކަމާއެކު ކުރެއްވީ އެ ހޮސްޕިޓަލުގެ ތަޖުރިބާކާރު ދެ ޑޮކްޓަރުން ކަމުގައިވާ ޑރ.ހުސައިން ފައިސަލް އާއި ޑރ. އިސްމާއިލް ޒާހިރު ކަމަށެވެ.

ރައީސުލްޖުމްހުރިއްޔާގެ ނައިބު ފައިސަލް ނަސީމް ވެސް ވަނީ އައިޖީއެމްއެޗްގައި ކުރި މި ސާޖަރީގައި ހަރަކާތްތެރިވި ޑޮކްޓަރުންނާއި ބައްދަލުކުރައްވައި މަރުހަބާ ވިދާޅުވެފައެވެ.

އަދި ކަކުލު ހުޅު ބަދަލުކުރި ބަލި މީހާއާ ބައްދަލުކުރައްވައި ނައިބު ރައީސް ވަނީ އޭނާއަށް އަވަސް ޝިފާ އަކަށް އެދިވަޑައިގެންފައެވެ.

އިތުބާރުހުރި ސިއްޙީ ނިޒާމެއް ގާއިމްކުރުމަކީ ރައީސް ސޯލިހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ކަމަކެވެ. އެގޮތުން ސަރުކާރުގެ މި މަޝްރޫއުގެ ދަށުން ދިވެހި ރައްޔިތުންނަށް މިހާރު މުޅިން ހިލޭ އާސަންދަ ސްކީމުގެ ދަށުން ކަކުލު ހުޅުގެ ސާޖަރީ ހެދުމުގެ ފުރުސަތު އެބައޮތެވެ.

މި މަޝްރޫއަކީ ސިއްހީ ހިދުމަތްތައް އަވްސްކުރުމުގެ ގޮތުން ސަރުކާރުން އިސްނަގައިގެން ކުރިއަށްގެންދާ މަޝްރޫއެކެވެ. މި މަޝްރޫއުގެ ދަށުން އައިޖީއެމްއެޗްގެ އިތުރުން ޓްރީޓޮޕް ހޮސްޕިޓަލާއި މެޑިކާ ހޮސްޕިޓަލުން ވެސް ކަކުލު ހުޅު ބަދަލުކުރުމުގެ ހިދުމަތް މިހާރު ހިލޭ ލިބެމުންދެއެވެ.