އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ ދައުލަތުގެ ބަޖެޓު މާދަމާ އޮންނަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާނެ އެވެ.
މަޖިލީހުގެ މާދަމާޖެ ޖަލްސާގެ އެޖެންޑާގެ ފުރަމަ ކަމަކަށް އޮތީ، ގާނޫނުއަސާސީގެ 96 ވަނަ މާއްދާގެ (ހ) ގައިވާގޮތުގެމަތިން، 2020 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ހުށަހެޅުމެވެ.
ގާނޫނުއަސާސީގެ 96 ވަނަ މާއްދާގެ (ހ) ގައި ބުނެފައި ވަނީ، ކޮންމެ މާލީ އަހަރެއް ފެށުމުގެ ކުރިން، އެ އަހަރަށް ދައުލަތުން ހިނގާނޭ ކަމަށް ލަފާ ކުރާ ހަރަދައި، ދައުލަތަށް ލިބޭނޭ ކަމަށް ލަފާ ކުރާ އާމްދަނީގެ ހިސާބު ހިމެނޭ ބަޖެޓެއް، އަދި ވޭތުވެދިޔަ މާލީ އަހަރު ދައުލަތުން ހިނގި ހަރަދާއި، ދައުލަތަށް ލިބުނު އާމްދަނީގެ ހިސާބު ފިނޭންސް މިނިސްޓަރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ވާނެ ކަމަށެވެ.
އަންނަ އަހަރުގެ ބަޖެޓު ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހަށް ފޮނުވީ، މިދިޔަ ބުރާސްފަތި ދުވަހުއެވެ.
ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި، އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގެ އަދަދު ގާތްގަނޑަކަށް 40 ބިލިއަން ރުފިޔާއަށް އަރާނެއެވެ.
ކުރިއަށް އޮތް އަހަރުގެ ބަޖެޓު އަންދާޒާކޮށް ފިނޭންސް މިނިސްޓްރީން އާންމުކުރި "2020-2022 ފިސްކަލް ސްޓްރެޓެޖީ" ބަޔާނުން ދައްކާގޮތުން، އަންނަ އަހަރުގެ ޖުމުލަ ބަޖެޓު ހުންނާނެ ކަމަށް ލަފާ ކުރެވެނީ 39.55 ބިލިއަން ރުފިޔާގައެވެ.
މީގެެ ތެރެއިން ޖުމުލަ ހަރަދަކީ 37 ބިލިއަން ރުފިޔާ ކަމަށް ފިނޭންސް މިނިސްޓްރީން މައުލޫމާތުދެއެވެ.
އަންނަ އަހަރު ދައުލަތުގެ ބޭސްލައިން ރިކަރަންޓް ހަރަދުގެ ގޮތުގައި 20 ބިިލިއަން ރުފިޔާ ހޭދަ ވާނެ ކަމަށް ލަފާކުރެވޭއިރު، ބޭސްލައިން ކެޕިޓަލް ހަރަދުގެ ގޮތުގައި ހޭދަވާނެ ކަމަށް ބެލެވެނީ 11.7 ބިލިއަން ރުފިޔާކަމަށްވެސް ފިނޭންސް މިނިސްޓްރީގެ އަންދާޒާ ތަކުން ދައްކައެވެ.
މީގެ އިތުރުން 2020 ވަނަ އަހަރު ބޭސްލައިން އާމްދަނީގެ ގޮތުގައި 21 ބިލިއަން ރުފިޔާ ލިބޭނެ ކަމަށްވެސް ފިނޭންސް މިނިސްޓްރީން އަންދާޒާކުރެއެވެ.
އަންނަ އަހަރު 39.55 ބިލިއަން ރުފިޔާގެ ބަޖެޓެއް އަންދާޒާކޮށްފައިވާއިރު، މިއަހަރުގެ ބަޖެޓަކީ 30 ބިލިއަން ރުފިޔާއެވެ. މީގެ އިތުރުން ސަޕްލިމެންޓްރީ ބަޖެޓުގެ ގޮތުގައި 1.7 ބިލިއަން ރުފިޔާގެ ބަޖެޓެއްވެސް މަޖިލީހުން މިއަހަރަށް ވަނީ، ފާސްކޮށްދީފައެވެ.