ރާއްޖެ އާއި ބައިނަލްއަގްވާމީ މުޖުތަމައާއެކު އޮތް ގުޅުންތައް އިތުރަށް ވަރުގަދަކުރުމުގެ މުހިންމުކަން މިވަނީ ބޮޑުވެފައި ކަމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދް ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ 31 ވަނަ ނަސްރުގެ ދުވަހާ ގުޅިގެން ފޮރިން މިނިސްޓަރ ޝާހިދު ނެރުއްވި ބަޔާނުގައި ވިދާޅުވީ، ދުނިޔޭގައި ގައުމުތަކަށް ކުރިމަތިވާ ގޮންޖެހުންތަކާ ބައްދަލުކޮށް، ނުރައްކާތަކުން އަރައިގަތުމަށްޓަކައި، ގައުމުގެ ފުދުންތެރިކަމާއި، ކަންކަމާ ކުރިމަތިލުމުގެ ގާބިލިއްޔަތު އިތުރަށް ވަރުގަދަ ކުރުމުގެ މުހިންމުކަން ބޮޑުވެފައިވާ ކަމަށާއި އެއާއެކު، ބައިނަލްއަގްވާމީ މުޖުތަމައާއެކު އޮތް ގުޅުންތައް އިތުރަށް ވަރުގަދަކުރުމުގެ މުހިންމުކަންވެސް ބޮޑުވެފައިވާ ކަމަށެވެ.
އެގޮތުން ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްތިގްލާލް ރައްކާތެރިކުރުމަށްޓަކައި، ބައިނަލްއަގްވާމީ ގުޅުންތައް ވަރުގަދަކޮށް ރާއްޖޭގެ ރަހްމަތްތެރިންނާއި ބައިވެރިންނާއެކު އޮތް އެއްބާރުލުން އިތުރަށް ވަރުގަދަކުރުމުގައި ރާއްޖެ ދެމިއޮންނާނެ ކަމަށް ފޮރިން މިނިސްޓަރ ވިދާޅުވިއެވެ.
1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތިންވަނަ ދުވަހު، އަޅުގަނޑުމެންނަށް ފެނިގެންދިޔައީ ދިވެހިރާއްޖެ ފަދަ ކުދި ގައުމުތަކުގެ ސަލާމަތަށް ހުރި ހާއްސަ ގޮންޖެހުންތައް ކަން ފާހަގަކުރައްވައި މިނިސްޓަރ ވިދާޅުވީ، މި މައްސަލައާ ގުޅޭގޮތުން ރާއްޖެއިން އދ.ގައި ވަކާލާތުކުރައްވާފައިވާ ކަމަށާއި އޭގެ ސަބަބުން ކުދި ގައުމުތަކުގެ ސަލާމަތާ ގުޅޭގޮތުން އެތައް ގަރާރެއް ފާސްވެގެންދިޔަކަމަށެވެ.
މިނިސްޓަރ ވިދާޅުވީ، ބައިނަލްއަގްވާމީ ސަލާމަތާ ގުޅޭ މަޝްވަރާތަކުގައި، ކުދި ގައުމުތަކުގެ ސަލާމަތާ ގުޅޭގޮތުން މަޝްވަރާކުރެވޭ ގޮތް ބަދަލުވެގެންދިޔައީ ދިވެހިރާއްޖެއިން އޭރު ކުރި މަސައްކަތުގެ ސަބަބުން ކަމަށެވެ.
މީގެ އިތުރުން މިއަދަކީ ރަހުމަތްތެރިންގެ އަގުވަޒަންކުރަންވީ ދުވަސްކަން ފާހަގަކުރައްވައި މިނިސްޓަރ ވިދާޅުވީ، ނޮވެމްބަރު ތިންވަނަ ދުވަހު އިންޑިއާގެ ސަރުކާރުން ވެދެއްވި އަސްކަރީ އެހީތެރިކަން ދުވަހަކުވެސް ހަނދާނުން ފިލައިގެން ނުދާނެކަމަށެވެ. އަދި އެކަމަށްޓަކައި އިންޑިއާގެ ސަރުކާރަށް ފޮރިން މިނިސްޓަރ ވަނީ ޝުކުރު އަދާކުރައްވާފައެވެ.