އިބްރާހިމް ޒަކީ
މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ޑިރެކްޓަރުންގެ ބޯޑަށް ބޭފުޅަކު އައްޔަން ކުރެއްވުމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި، މަހްޒޫމް ސަލީމް، ކ. ކާށިދޫ ޝަބްނަމްގެ، އާއި އިސްމާއިލް ސާޖިދު، މއ.ވިލާރޮދި، ގެ ތެރެއިން ބޭފުޅަކު ބޯޑަށް އައްޔަން ކުރަން މަޖިލީހުން ރުހުން ދިނުމަށް އިގްތިސާދީ ކޮމިޓީން މަޖިލީހަށް ލަފާދީފިއެވެ.
އެ ދެބޭފުޅުންގެ ނަން ރައީސުލް ޖުމްހޫރިއްޔާ މަޖިލީހަށް ފޮނުވުމުން އެ ދެނަން އިތުރަށް ދިރާސާ ކުރުމަށް މަޖިލީހުން ކޮމިޓީއަށް ފޮނުވީ، އޮކްޓޫބަރު މަހުގެ 22ގަ އެވެ.
ކޮމިޓީން އެ ނަންތައް ދިރާސާކުރުމަށްފަހު، މަޖިލީހުގެ ތަޅުމަށް ހުށަހެޅުމަށް މިދިޔަ ބުރާސްފަތި ދުވަހު މަޖިލީހަށް ފޮނުވި ރިޕޯޓްގައި ބުނެފައި ވަނީ، އެ ދެބޭފުޅުންނާ ބެހޭގޮތުން ޝަކުވާ ހުށަހެޅުމަށް ހުޅުވައިލި ފުރުސަތުގައި އެއްވެސް ބޭފުޅަކާ ބެހޭގޮތުން ޝަކުވާއެއް ހުށަހަޅާފައި ނުވުމާއި، އެބޭފުންނާ އިންޓަވިއު ކުރުމުގެ އިތުރުން އެކި އެކި މުއައްސަސާތަކުން މައުލޫމާތު ހޯދައިގެން ބެލި ބެލުމުން އެ ދެބޭފުޅުންގެވެސް ޝަރުތު ފުރިހަމަވާކަމަށެވެ.
އެހެންކަމުން މަހްޒޫމް ސަލީމް އާއި ޖެހިގެން ސާޖިދުގެނަން ހިމެނޭ ގޮތަށް ނަން ތަރުތީބުކޮށް އެ ދެބޭފުޅުންގެ ތެރެއިން ބޭފުޅަކު މީރާގެ ބޯޑަށް އައްޔަނު ކުރުމަށް މަޖިލީހުން ރުހުންދިނުމަށް ކޮމިޓީން ރިޕޯޓްގައި ވަނީ އެދިފައެވެ.
މީރާގެ ބޯޑަށް މެންބަރަކު އައްޔަން ކުރުމަށް މަޖިލީހުގެ ތަޅުމަށް ފޮނުވާފައިވާއިރު، ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ފަތުހުﷲ ޖަމީލް އަދި ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް އަސްމާ ޝަފީއު އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން ހުސްވި ހަފްތާގައި ވަނީ ފާސްކޮށްފައެވެ.