ޚަބަރު

ޖޫސް ޕެކެޓެއް ވަގަށްނެގި މީހަކު 21،600 ރުފިޔާއިން ޖޫރިމަނާ ކޮށްފި

އިބްރާހިމް ޒަކީ

3

ޖޫސް ޕެކެޓެއް ވަގަށްނެގި މީހަކު 21،600 ރުފިޔާއިން ޖޫރިމަނާ ކޮށް ކުރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

ހުސްވި އޮކްޓޫބަރު މަހުގެ 21 ވަނަ ދުވަހު ކްރިމިނަލް ކޯޓުން މި ހުކުމް ކޮށްފައި ވަނީ، ތ.ދިޔަމިނގިލި މަޑުފެހި ވިލާ އިސްމާއީލް ނިހާނުގެ މައްޗަށެވެ.

ހުކުމްގައި ބުނެފައި ވަނީ، ނިހާނުގެ އިތުރުން ތ. މަޑިފުށީ ކަރަންކާގެ އަލީ އައުލޫމު ގެ އަމަލުތައްހުރި ގޮތުން އެ ދެމީހުން ގާނޫނާ ހިލާފް އެއްޗެއް ގެންގުޅޭކަމަށް، އެވަގުތު މާލެ ތެރެ ޕެޓްރޯލް ކުރަން އުޅުނު ފުލުހުންނަށް ތުހުމަތު ކުރެވިގެން، އެ ދެމީހުން ފުލުހުންގެ ބެލުމުގެދަށަށް ގެނެސް ހަށިގަނޑު ބަލައި ފާސްކުރިއިރު އެ ދެމީހުންގެ އަތުން "ދަބެރީ ކޮމްޕެނީ" ބްރޭންޑްގެ ޖޫސްޕެކެޓެއް ފެނިފައިވާކަމަށެވެ.

އަދި ޝަރީއަތުގެ މަޖިލީހުގައި އެކަމަށް ނިހާނު އިއުތިރާފް ވެފައިވާތީ ގާނޫނުލް އުގޫބާތުގެ 87 ވަނަ މައްދާގެ ދަށުން ކުށެއް ކުރުމުގެ އާލަތެއް އަތުގައި ބެހެއްޓުމުގެ ކުށް ސާބިތުވެ އޭނަގެ މައްޗަށް ތިން މަހާއި 18 ދުވަހުގެ މުއްދަތަށް ޖަލަށް ލުމަށް ހުކުމްކޮށް، ޖަލު ހުކުމްގެ އަދަބު 21،600 ޖޫރިމަނާ ކުރުމަށް ބަދަލުކޮށް ފައިވާކަމަށް ހުކުމްގައި ވެއެވެ.

ހުކުމް ކޮށްފައި ވަނީ އޮކްޓޫބަރު މަހުގެ 21 ވަނަ ދުވަހުން ފެށިގެން އެއްމަސް ދުވަހުގެ ތެރޭގައި އެ ފައިސާ މީރާއަށް ދެއްކުމަށެވެ.

މިފަދަ ހުކުމެއް އެ މައްސަލައިގަ ކޮށްފައި ވަނީ އެ ޖޫސް ޕެކެޓަށް ބަނގުރާ އަޅާފައި ވުމުންނެވެ.

އަދި މި މައްސަލައިގައި ހިމެނޭ އަލީ މައުލޫމުގެ ބައި ގަޒިއްޔާއިންވަކިކުރަން ޕީޖީ އެދިފައިވާތީ، ކޯޓުގެ އެހެން ގަޒިއްޔާއަކުން އެ މައްސަލަ ޕީޖީ އޮފިހަށް ފޮނުވޭނެ ކަންވެސް ހުކުމުން އަންގާފައި ވެއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟