ގަވާއިދާ ހިލާފަށް ޕާކުކުރުމުގެ ސަބަބުން މިދިޔަ ހަފުތާގެ ތެރޭގައި 557 ވެހިކަލެއްގައި ސްޓިކާ ޖަހާފައިވާކަމަށް ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.
ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ މަހުގެ 26 ވަނަ ދުވަހުން މިމަހުގެ އެއްވަނަ ދުވަހުގެ ނިޔަލަށް 557 އުޅަނދެއްގައި ވަނީ ސްޓިކާ ޖަހާފައެވެ. އެގޮތުން މި އުޅަނދުތަކުގައި ސްޓިކާ ޖަހައިގެން އެންމެ ފުރަތަމަ ސްޓިކާ ޖެހުމުން ދައްކަން ޖެހޭ 250 ރުފިޔާގެ މަގުން ޖޫރިމަނާގެ ގޮތުގައި 139،250 އަރައެވެ.
557 ވެހިކަލެއްގައި ސްޓިކާ ޖަހާފައިވާއިރު، 25 ވެހިިކަލެއް ޓޯކޮށް ފުލުހުންގެ ބެލުމުގެ ދަށަށް ވެސް ވަނީ ގެންގޮސްފަ އެވެ.
މި މުއްދަތުގައި 56 އެކްސިޑެންޓް ހިނގައި 14 މީހުންނަށް އަނިޔާވެފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ. އަދި ފުލުހުން ވަނީ އެކްސިޑެންްޓް ތަކާ ގުޅިގެން ނުވަ މީހެއްގެ ލައިސަންސް ވެސް ހިފަހައްޓާފަ އެވެ.
ލައިސެންސް ނުލައި ވެހިކަލް ދުއްވުމުގެ 39 މައްސަލައަކާއި ލައިސެންސް ނެތި ދުއްވުމުގެ 69 މައްސަލައެއް ފުލުހުން ވަނީ ބަލައިފައެވެ. މީގެ އިތުރުންވެސް ޓްރެފިކް ނިޝާންތަކާ ހިލާފަށް ދުއްވުމުގެ 15 މައްސަލައެއްވެސް ފުލުހުން ވަނީ ބަލައިފައެވެ.
މީގެ އިތުރުން މި މުއްދަތުގެ ތެރޭގައި ޖުމުލަ 621 ވެހިކަލެއް ބަލައި ޗެކުކޮށް އިންޝުރެންސް އަދި ރޯޑް ވޯތިނެސް ހަމަނުވާ 51 ވެހިކަލެއް ރިކޯޑުކުރެވިފައިވާކަމަށްވެސް ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކައެވެ.
މީގެ އިތުރުން އަހަރީ ފީ ނުދައްކާ 37 ވެހިކަލެއްގެ މައްސަލަވެސް ވަނީ މިދިޔަ ހަފުތާގެ ތެރޭގައި ރިކޯޑު ކޮށްފައެވެ.