ފޯނުތަކަކާއި ވޮލެޓުތަކެއް ވަގަށް ނަގައިގެން ހުޅުމާލެ ހުޅުލޭ ހައިވޭއިން ދިޔަ ދިވެއްސަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ ރޭ ފަތިހު 05:00 ހާއިރު ހުޅުމާލޭ ކޮޅު ހައިވޭއިން ދިޔަ މީހެއްގެ އަމަލުތައް ހުރިގޮތުން ޝައްކު ކުރެވިގެން އެވަގުތު ޕެޓްރޯލް ކުރަން އުޅުނު ފުލުހުން ވަނީ އެނާ ހުއްޓުވައި ހުޅުމާލޭ ޕޮލިސްޓޭޝަނަށް ގެންގޮސްފައި ކަމަށެވެ. އަދި މި މީހާ ބަލައި ފާސްކުރި އިރު އޭނާގެ އަތުން ހަ ފޯނާއި، ދެ ވޮލެޓުގެ އިތުރުން އެއް ބޮޑީސްޕްރޭ ފުޅި އަދި 235 ރުފިޔާ ފެނިފައިވާކަމަށް ފުލުހުން މައުލޫމާތުދެއެވެ.
މިހާތަނަށް ބެލި ބެލުމުން މި ފޯނުތަކަކީ ބިދޭސީންތަކެއްގެ ފޯނުތަކެއް ކަމަށް ބެލެވޭ ކަމަށާއި ފުލުހުން މިހާރު ދަނީ އެ ފޯނުތަކާއި ވޮލެޓުތަކުގެ ވެރިފަރާތްތަކަށް ހަވާލުކުރުމުގެ މަސައްކަތް ކުރަމުން ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ 32 އަހަރުގެ ފިރިހެނެކެވެ.
ފުލުހުން ބުނީ އެ މީހާ ހުއްޓުވައި ބެލި ބެލުމުން އިތުރަށް އެނގުނު ގޮތުގައި، އޭނާ ސައިކަލު ދުއްވާފައިވަނީ ލައިސަންސު ނެތި ކަމަށާއި އަދި ބޭނުންކޮށްފައިވަނީ ގަވައިދަށް ނުފެތޭ ހެލްމެޓެއް ކަމަށެވެ. އަދި ދުއްވަން އިން ސައިކަލުގެ ހުރިހާ ސްޓިކާއެއްގެ މުއްދަތު ވަނީ ހަމަވެފައި ކަމަށާއި މި މައްސަލަތަކާ ގުޅިގެން އޭނާއަށް ވަނީ ޓްރެފިކް ގާނޫނުގެ ދަށުންވެސް ފިޔަވަޅު އަޅާފައިކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގުކުރަމުން ކަމަށް އެފަރާތުން މައުލޫމާތުދެއެވެ.