ޚަބަރު

ނަސްރުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ޝަހީދުންގެ ބިނާގައި ދިދަ މައުންޓް ކުރުމުގެ ރަސްމިއްޔާތު ބާއްވައިފި

މުހައްމަދު އައުޒަމް

ނަސްރުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ޝަހީދުންގެ ބިނާގައި ދިދަ މައުންޓް ކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

މިއަދު ހެނދުނު ޝަހީދުންގެ ބިނާ ސަރަހައްދުގައި ބޭއްވި މިރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ އެވެ.

މިރަސްމިއްޔާތުގައި ސިފައިންގެ ދިދަޕާޓީގައި ހިމެނޭ ސިފައިން ދިދަ ޖަހައި ގާޑް މައުންޓްކޮށް ހަތް ބަޑީގެ ސަލާމެއް ވަނީ އަރުވާފައެވެ. ރަސްމިއްޔާތުގައި ސިފައިންގެ އަޒުމް އާކޮށްދެއްވީ ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފް އެވެ.

މިރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލް އާއި، ސިފައިންގެ ޖެނެރަލް އޮފިސަރުންނާއި ގިނަ އަދަދެއްގެ ސިފައިންނާއި، ސިފައިންގެ ހިދުމަތުން ޝަރަފުވެރިކަމާ އެކު ރިޓަޔަރކޮށްފައިވާ އެކި ރޭންކުތަކުގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

މިއަހަރުގެ ނަސްރުގެ ދުވަހުގެ ހަރަކާތްތައް ފަށާފައި ވަނީ އިސްލާމީ މަރުކަޒުގައި ޖަމާއަތުގައި ކުރި ފަތިސް ނަމާދަށް ފަހުއެވެ. 1988 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 3 ވަނަ ދުވަހު ދީނާއި ދިވެހި ގައުމަށްޓަކައި ޖާނުދެއްވި މަތިވެރި އަބްތާލުންގެ ޒިކުރާ އާކުރުމަށް ނަސްރުގެ ދުވަސް ފާހަގަ ކުރާއިރު މިއަހަރުގެ ނަސްރުގެ ދުވަހުގެ ހާއްސަ ޖަލްސާ މިރޭ 8:30 ގައި ކަޅުތުއްކަލާކޮށީގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.