މިހާރު ރާއްޖޭގެ ސިފައިންގެ ފައުޖު އޮތީ ނޮވެމްބަރު ތިނެއްގައި ދިންފަދަ ހަމަލާއަކަށް ވަރަށް ބޮޑަށް ތައްޔާރަށް ކަމަށާއި، ސިފައިންގެ ފޯސް ވަރަށް ޕްރޮފެޝަނަލް ވާނެ ކަމަށް ޑިފެންސް މިނިސްޓަރ މާރިޔާ އަހްމަދު ދީދީ ވިދާޅުވެއްޖެއެވެ.
ދިވެހި ރައްޖޭގެ ނަސްރުންގެ ދުވަހާ ގުޅިގެން ރާއްޖެ ޓީވީގެ "ފަށާއިރު" ޕްރޮގުރަމުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ މާރިޔާ ވިދާޅުވީ ދިފައިންގެ ފައުޖުތައް ތިބީ ޑްރިލްތައް ހަދައި ވަރަށްބޮޑަށް އެފަދަ ހަމަލާއަކަށް ތައްޔާރުވެގެން ކަމަށެވެ.
ދެން އެފަތަ އުދުވާނީ ޓެރެރިސްޓް ހަމަލާއެއް އައިސްފި ކަމުގައި ވާނަމަ، އެ ހަމަލާ އައުމުގެ ކުރިން ރާއްޖޭގެ ރާޑަރު ސިސްޓަމް ތަކުން ޑިޓެކްޓް ކުރާނެ ކަމަށާއި، ނޭނގި ކުއްލިއަކަށް ސިއްސައިގެންދާ ފަދަ ގޮތަކަށް އެފަދަ ހަމަލާއެއް ނުދެވޭނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެގޮތުން ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަންނަ ގޮތްނޭންގޭ ބޯޓުތައް ވަދެގެން އަންނަ އިރު އެ ބޯޓުތައް ދެނެގަތުމަށް ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައިވެސް އަންނަނީ ރާޑަރުތައް ބަހައްޓަމުން ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
"އަޅުގަނޑުމެއްގެ ސިފައިންގެ ފައުޖު އޮތީ އޭރާ އަޅައި ބަލައިރު ވަރަށްބޮޑަށް ތައްޔާރަށް. ވަރަށް ބޮޑަށް ޓްރެއިން ކުރެވިފަ. ރާއްޖެއިން ބޭރުންނާއި ރާއްޖޭގައިވެސް އަބަދު އެކި ގޮތް ގޮތައް ތައްޔާރުވަމުން އެމީހުން ދަނީ. އެހެންވިމާ ވަރަށް ޕްރޮފެޝަނަލް ފޯސްއެއް މިހާރު ރާއްޖޭގައި އޮތީ." ޑިފެންސް މިނިސްޓަރ ވިދާޅުވިއެވެ.
1988 ވަނަ އަހަރު ރާއްޖެ އޮތީ ބަޑި ބުރާސްފަތި ދުވަހުގެ އުދުވާނީ ހަމަލާއަކަށް ތައްޔާރުވެގެން ނޫންކަން ފާހަގަކުރައްވައި މިނިސްޓަރ މާރިޔާ ވިދާޅުވީ "އޭރާ މިހާރާ ވަރަށްބޮޑަށް ތަފާތުވާނެ. މިހާރު ސިފައިންގެ އޭރިޔާ ކޮމާންޑުތައްވެސް އެބަހުރި. މާލޭގައިވެސް އެތައް ޕޯސްޓުތަކެއް އެބަހުރި. އަދި އަޅުގަނޑުމެން އައިފަހުންވެސް އެތައް ގޮތަކުން ސިފައިންގެ ހިދުމަތް ރަނގަޅުކުރުމުގެ މަސައްކަތް ކުރަމުން މިދަނީ. އަބަދުވެސް ކުރިއަށް މިފަދަ ކަންކަމަށް ވިސްނައިގެން ޑްރިލްތަކާ އެއްޗިހި ފަރިތަކުރެވިގެންދާތީ މިހާހިސާބަށްވެސް ސަލާމަތްތެރިކަމާއެކު މި އާދެވެނީ" ކަމަށެވެ.
މީގެ އިތުރުން، ސިފައިން މަސައްކަތް ކުރަމުން ދަނީ ވަރަށް ބަދަހިކޮށް އެކަތިގަނޑެއްގެ ގޮތުގައި ރައްޔިތުންގެ ސަލާމަތްތެރިކަމަށް ކަމުގައިވެސް މިނިސްޓަރ މާރިޔާގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފައެވެ.