ޚަބަރު

މީހެއްގެ ފޯނު ފޭރިގަނެ، ތޫނު އެއްޗަކުން ހަމަލާދިނުމަށްފަހު ފިލައިފި

އާނިފާ ހުސެއިން ސިރާޖް

މާލޭ ޖަންބު މަގު ސަރަހައްދުން ދިޔަ ސައިކަލެއްގައި ތިބި ދެމީހުން، އެ ސަރަހައްދުން ހިނގާފައި ދިޔަ މީހެއްގެ ފޯނު ފޭރިގަތުމަށްފަހު ތޫނު އެއްޗަކުން ހަމަލާދީފިއެވެ.

މި ހާދިސާގައި ފޯނު ފޭރިގަނެ ތޫނު އެއްޗަކުން ހަމަލާދީފައިވަނީ 24 އަހަރުގެ ނޭޕާލު ފިރިހެނަކަށް ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

ފުލުހުން ބުނީ ޖަންބު މަގުން ހިނގާފައިދިޔަ މި ނޭޕާލު މީހާގެ އަތުން، އެވަގުތު އެ ސަރަހައްދުން ދުއްވާފައި ދިޔަ ސައިކަލެއްގައި ތިބި ދެމީހުން، އޭނާގެ ފޯނު ފޭރިގަތުމަށްފަހު ތޫނު އެއްޗަކުން ހަމަލާ ދީފައިވާ މައްސަލަ ރޭގެ 23:41 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.

މި ހާދިސާގައި ހިނގާދިޔަގޮތް ކަމަށް ފުލުހުން މައުލޫމާތު ދިން ގޮތުގައި ނޭޕާލު މީހާގެ އަތުގައި އޮތް ފޯނު ފޭރިގަތުމުން، އޭނާ ފޭރިގަތް މީހުން ހިފެހެއްޓުމަށްޓަކައި ސައިކަލުގައި ހިފެހެއްޓުމުން، އެމީހުން އޭނާގެ ވާއަތުގެ އުޅަނބޮއްޓާއި އިނގިލި ތަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލީއެވެ. އަދި ނޭޕާލު މީހާއަށް ހަމަލާދިނުމަށްފަހު ސައިކަލުގައި ތިބި ދެމީހުން ފިލާފައިވާކަމަށް ފުލުހުން ބުނިއެވެ.

ފުލުހުން ބުނީ މި މައްސަލައިގައި އަދި އެއްވެސް މީހެއް ހައްޔަރުކޮށްފައި ނުވާ ކަމަށާއި، މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.