ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް، ނަސްރުންގެ ދުވަހުގެ ތަހުނިޔާ ދިވެހި އެންމެހާ ރައްޔިތުންނަށް ފޮނުއްވައިފިއެވެ.
ރައީސް ސޯލިހް މިއަދު ހެނދުނު ކުރެއްވި ޓުވީޓެއްގައި ނަސްރުންގެ ދުވަހުގެ ތަހުނިޔާ ހުރިހާ ދިވެހި ރައްޔިތުންނަށް އަރިސްކުރުމާއެކު، އެ ދުވަހު ޝަހީދުވެގެންދިޔަ ބަތަލުންނަށް ސުވަރުގޭގެ ދާއިމީ ނިއުމަތް ދެއްވުން އެދި ދުއާ ދަންނަވާފައިވެއެވެ.
"ނަސްރުގެ ދުވަހުގެ ތަހުނިޔާ އާއި އިހްލާސްތެރި ހެޔޮ އެދުންތައް ލޮބުވެތި ދިވެހި އެންމެހާ ރައްޔިތުންނަށް އަރިސް ކުރަން. މިގައުމަށްޓަކައި ޝަހީދުވެދިޔަ ބަތަލުންނަށް ސުވަރުގޭގެ ދާއިމީ ނިއުމަތް ލެއްވުން އެދި މާތްﷲ ގެ ހަސްރަތުގައި ދުއާ ދަންނަވަން" ރައީސްގެ ޓުވީޓުގައި ވިދާޅުވިއެވެ.
31 ވަނަ ނަސްރުންގެ ދުވަސް މިއަދު ފާހަގަކުރަމުންދާއިރު، މި ދުވަސް ފާހަގަކުރަނީ، ހާޖަރާގޭ އަބްދުﷲ ލުތުފީ އިސްވެ ހުރެގެން ރާއްޖެއަށް ދިން އުދުވާނީ ހަމަލާ، "ބަޑި ބުރާސްފަތި" ދުވަހުން ނަސްރު ލިބުމުގެ އުފަލުގައެވެ. މި ހަމަލާގައި، 8 ދިވެހި ސިފައިންނާއި 11 އާންމުން ވަނީ ޝަހީދުވެފައެވެ.