ޚަބަރު

ޖޭއެސްސީން މިއަދު ހިންގާ ގާނޫނާ ހިލާފު އަމަލުތައް އަޅުގަނޑުމެންގެ ސަރުކާރެއްގައި ބަލާނަން: ޝިޔާމު

ޝަހީދާ އަބްދުﷲ ސައީދު

ޖުޑިޝަލްސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިހާރު ގާނޫނާ ހިލާފު އަމަލުތައް ހިންގާކަމަށާއި އެކަންކަން މިއަދު އިދިކޮޅުގައި ތިބި ފަރާތްތަކުގެ ވެރިކަމެއްގައި ބަލާނެ ކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފިއެވެ.

ޕީޕީއެމްއާއި ޕީއެންސީ ގުޅިގެން ރޭ ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމު ވިދާޅުވީ، ޖޭއެސްސީ އާއި ޖުޑިޝަރީ ކޮމެޓީން ގާނޫނާއި ހިލާފަށް ކުރަމުންދާ ކަންތައްތައް މިއަދު އިދިކޮޅުގައި ތިބި ފަރާތްތައް ވެރިކަން ލިބުމުން ބަލާނެ ކަމަށެވެ.

ޝިޔާމު ވިދާޅުވީ އެމައްސަލަތައް ބަލައި ފިޔަވަޅު އަޅަންޖެހޭ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށެވެ. މިއަދު ރާއްޖޭގައި ކޯޓުތަކުން ނިންމާ ނިންމުންތައް ޖޭއެސްސީން ބާތިލުކުރަމުންދާކަން ފާހަގަކުރައްވައި ޝިޔާމު ވިދާޅުވީ ރާއްޖޭގެ ކޯޓުތަކުން ނިންމާ އެއްވެސް ނިންމުމެއް ބަދަލުކުރެވޭނެ އެއްވެސް މުއައްސަސާއެއް ނުހުންނާނެ ކަމަށެވެ. ނަމަވެސް އެންމެ މަތީ ކޯޓުތަކަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ރައީސް ސޯލިހުވެސް ނުފޫޒު ފޯރުވަމުންދާކަމަށް އޭނާ ވިދާޅުވިއެވެ.

ޖޭއެސްސީ މިއަދު ރާއްޖޭގައި ހުރި ހުރިހާ ކޯޓުތަކަށްވުރެ މާ މަތިން ކަންކަން ނިންމާ ތަނަކަށް ވެއްޖެ ކަމަށާއި ރާއްޖޭގެ ކޯޓުތަކުން ނިންމާފައި ހުންނަ ކަންތައްތައް އެއީ މުއައްސަސާއަކަށް ބަދަލުކުރެވޭނެ އެއްޗެއް ނޫން ކަމަށް ޝިޔާމު ވިދާޅުވިއެވެ.

''ޖޭއެސްސީ މިހާރު ކުރިއަށްދަނީ ގާނޫނާ ހިލާފަށް. މިކަންތައްތަކަށް އަޅުގަނޑުމެން ހޭލާތިބެ ވަރަށް ރަނގަޅަށް ވިސްނައި އެކަން ކުރަނީ ކޮންނިޔަތެއްގައިކަންވެސް އެބަޖެހޭ ދެނެގަންނަން. ކޯޓުތަކަށް އަތާފަޔާ އެބަ ބާނާ. ރައީސް ނަޝީދު އެބަ ބާނާ، ރައީސް ސޯލިހު އެބަ ބާނާ. ޖޭއެސްސީ އޭ ކިޔާ އެމްޑީޕީގެ ގޮތްޕެއް އެބަ ހަރަކާތްތެރިވޭ ކޯޓުތަކަށްވުރެ މަތިން. ވަރަށް ކެރިގެން ދަންނަވަން މިކަންތައްތަކަކީ އަޅުގަނޑުމެންނަށް ދުވަހެއް ލިބޭ ދުވަހަކުން ފުރިހަމަ ތަހުގީގެއް ހިންގައި ފިޔަވަޅު އަޅާނެ ކަންތައްތައް. ޖޭއެސްސީން ކުރިކަމެއް ވިޔަސް ޖުޑިޝަރީ ކޮމެޓީން ކުރިކަމެއް ކަމުގައި ވިޔަސް އެކަންތައްތައް ބަލާނަން.'' ޝިޔާމު ވިދާޅުވިއެވެ.

މީގެއިތުރުން ޝިޔާމު ވިދާޅުވީ ރައީސް ސޯލިހު ވެރިކަމަށް ވަޑައިގަތީ ރައްޔިތުންގެ ލޮލުގައި އަނދުން އަޅުވައިގެން ކަމަށެވެ. އެގޮތުން އިންސާފުވެރި ފަނޑިޔާރުގެ އެއް ގާއިމުކުރާނެ ކަމަށް ވިދާޅުވި ކަމަށާއި ހެޔޮވެރިކަމެއް ކޮށްދެއްވާނެ ކަމަށްވެސް ވިދާޅުވި ކަމަށެވެ. ނަމަވެސް ދިވެހިން ބޭނުން ނުވާ ހުރިހާ ކަމެއް މިސަރުކާރުން ކުރަމުން ގެންދާ ކަމަށް އޭނާ ވިދާޅުވިއެވެ.