ޚަބަރު

އެއްވުމުގެ ތެރެއިން 12 މީހުން ބެލުމުގެ ދަށަށް ގެނެވުނު، އެންމެން ވަނީ ދޫކޮށްލާފައި: ފުލުހުން

ނަސްރުގެ ދުވަސް ފާހަގަކުރުމަށް އިދިކޮޅު ކޯލިޝަނުން ޕީޕީއެމްގެ އޮފީސް ކުރިމަތީގައި މިރޭ ބޭއްވި އެއްވުމުގެ ތެރެއިން ފުލުހުންގެ ބެލުމުގެ ދަށަށް 12 މީހުން ގެންދިޔަ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިރޭ ބުނީ، އެމީހުން ހައްޔަރުކުރީ ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އަޅައިގެން ކަމަށެވެ. ނަމަވެސް މިހާރު އެ އެންމެން ދޫކޮށްލާފައިވާ ކަމަށް ބުންޏެވެ.

ނޮވެމްބަރު 3، 1988 ގެ އުދުވާނީ ހަމަލާއާ ގުޅިގެން ''ބަޑި ބުރާސްފަތި''ގެ ނަމުގައި އިދިކޮޅު ފަރާތްތަކުން މިރޭ 8:30 ގައި ބޭއްވި އެއްވުން ފެށުމުގެ ކުރިން ފުލުހުން ވަނީ އެ އެއްވުމަކީ ގާނޫނާ ހިލާފު އެއްވުމެއް ކަމަށްބުނެ އެތަނުން ދިއުމަށް އަންގައިފައެވެ.

ނަމަވެސް ފުލުހުންގެ އެއްގުމާ ހިލާފުވެ އިދިކޮޅު ކޯލިޝަންގެ އެއްވުން ފެށުމުން ފުލުހުން ވަނީ އެއްވުން ހުއްޓުވަން މަސައްކަތް ކޮށްފައެވެ. އެގޮތުން އެއްވުމުގައި ބޭނުންކުރާ އަޑުގަދަކުރާ ގެންދަން ވެސް މަސައްކަތްކުރިއެވެ.

އެ މަސައްކަތުގެ ތެރެއިން އެތަނުގައި ތިބި އާންމުންނާއި ފުލުހުންނާ ދެމެދު ކޮންމެވެސް ވަރެއްގެ ހަމަނުޖެހުންތަކެއް ވެސް ހިނގިއެވެ.

އިދިކޮޅު ކޯލިޝަނުން ބުނީ، އެއްވުން ހުއްޓުވުމަށް ކޯޓު އަމުރެއް ނެތި ޕީޕީއެމްގެ އޮފީސް ތެރެއަށް ވެސް ފުލުހުން ވަންނަން މަސައްކަތްކުރި ކަމަށެވެ. އަދި މުޒާހަރާތަކުގެ ފޮޓޯ އާއި ވީޑިއޯ އަޕްލޯޑު ކުރުމަށް ހުރަސް އަޅަން މޯބައިލް ސިގްނަލް ޖޭމު ކުރަން ވެސް ފުލުުހުން މަސައްކަތް ކުރި ކަމަށް އިދިކޮޅުން ބުނެއެވެ.

އޭގެ އިތުރުން މުޒާހަރާގެ ބައިވެރިންގެ ގަޔަށް ޕެޕާ ސުޕްރޭ ޖަހައި، އަނިޔާވި ބައެއް މީހުންނަށް ފަރުވާ ދިނުމަށް ވެސް ގެންދެވުނު ކަމަށް އިދިކޮޅުން ބުންޏެވެ.

އިދިކޮޅުން ބުނީ، އެއްވެ އުޅުމުގެ މިނިވަންކަމުގެ ހައްގަށް އިހްތިރާމް ކުރުމަށް ސަރުކާރަށް ގޮވާލުމަށް އެދި ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް)އަށް މައްސަލަ ވެސް މިހާރު ހުށަހަޅާފައިވާ ކަމަށެވެ.

އިދިކޮޅު ކޯލިޝަނުން މިރޭ ބޭއްވި އެއްވުން ފުރަތަމަ ބާއްވަން ނިންމީ ޖަލްސާއެއްގެ ގޮތުގައި ކާނިވާ ސަރަހައްދުގައެވެ. ނަމަވެސް ޖަލްސާ ބޭއްވުމުގެ ހުއްދަ ހައުސިން މިނިސްޓްރީން ނުދިނުމުން، ޕީޕީއެމް އޮފީސް ކުރިމަތީގައި ބާއްވަން ނިންމިއެވެ.

ހުއްދަ ނުނަގައި، އެއްވުން ބާއްވަން ނިންމާފައިވަނިކޮށް، ފުލުހުން މިއަދު ކުރި ޓުވީޓެއްގައި ބުނީ ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނާ ހިލާފަށް އެއްވުންތައް ކުރިއަށް ގެންދިއުމުގެ ފުރުސަތު ނުދޭނެ ކަމަށެވެ. އަދި ގާނޫނީ ތަރަހައިގެ ތެރެއިން އެއްވުންތައް ކުރިއަށް ގެންދިއުމަށް ފުލުހުން ވަނީ އިލްތިމާސް ކޮށްފައެވެ.