ޝަހީދާ އަބްދުﷲ ސައީދު
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު، ވެރިކަމަށް ވަޑައިގަތީ ބޭރުގެ ފަރާތްތަކަށް ވެސް ވައުދުވެވަޑައިގެން، ދިވެހި ރައްޔިތުންގެ ލޮލުގައި އަނދުން އަޅުވައިގެން ކަމަށް ޕީއެންސީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.
އަބްދުއްރަހީމް މިފަދައިން ވިދާޅުވީ، އެމްޑީއެން ސަސްޕެންޑް ކުރުމަށް ސަރުކާރުން ނިންމާފައިވާ ނިންމުން ބަދަލުކޮށް، އެޖަމާއަތައް ހަރަކާތްތެރިވެވޭނެ ފުރުސަތު ދިނުމަށް އިންސާނީ ހައްގުތަކަށް މަސަައްކަތްކުރާ ދުނިޔޭގެ އެންމެ ބޮޑު އެއް ޖަމާއަތް ކަމަށްވާ ހިއުމަން ރައިޓްސް ވޮޗުން ގޮވާލާފައިވާތީ، އެކަން ފާހަގަކުރައްވައެވެ.
އިދިކޮޅު ކޯލިޝަނުން މިރޭ ޕީޕީއެމްގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އަދުރޭ ވިދާޅުވީ، އެމްޑީއެން އިން ނެރުނު ރިޕޯޓާ ގުޅިގެން އެޖަމިއްޔާ އުވާލުމަށް ރައްޔިތުން ގޮވާލަމުންދާ ވަގުތެއްގައި އެމްޑީއެން އުވާނުލުމަށް ހިއުމަން ރައިޓްސް ވޮޗުން ގޮވައިލުމުން ރައީސް ސޯލިހު، ވެރިކަމަށް ވަޑައިގަތުމަށް ބޭރުގެ ފަރާތްތަކަށް ވައުދުވެވަޑައިގެންކަން ހާމަވެއްޖެ ކަމަށެވެ.
އެގޮތުން ރިޔާސީ އިންތިހާބުގައި ހިޔާލުފާޅުކުރުމުގެ މިނިވަންކަން ފަހިކޮށްދިނުމަށް ރައީސް ސޯލިހު ވައުދުވެވަޑައިގެން ކަމަށް ބޭރުގެ ޖަމާއަތަކުން ބުނުމުން، ރިޔާސީ ވައުދުވެވަޑައިގަތީ ހަމައެކަނި ދިވެހިންނަށް ނޫންކަން ހާމަވާ ކަމަށް އޭނާ ވިދާޅުވިއެވެ.
''އަމިއްލަ އިހުތިޔާރުގައި މިސަރުކާރަށް އެއްވެސް ކަމެއް ނުކުރެވޭނެކަން އެއޮތީ ވަރަށް ފަހުން ފެންނަން. އެއީ ރިޔާސީ އިންތިހާބަށް އައިސް މިތިބީ ކޮން ގޮތަކަށްކަން، ކޮން ބަޔަކާއެކީ އެއްބަސްވުންތަކެއް ހަދައިގެންކަން މިހާރު އެބަ އެނގޭ. ބޭރުގެ ބައެއް ޖަމާއަތްތަކުން ނެރޭ ރިޕޯޓުތަކަށް ބަލައިލީމައި ނުވަތަ ބަޔާންތަކަށް ބަލައިލީމަ އެނގިވަޑައިގަންނަވާނެ. އެވިދާޅުވީ އިބްރާހީމް މުހައްމަދު ސޯލިހަކަށް އެމްޑީއެން އުވައެއް ނުލެވޭނެއޭ. އެއީ ރިޔާސީ އިންތިހާބުގެ ވައުދެކެވޭ. މިމީހުން މިތިބީ ގައުމުވެސް ވިއްކާލާފައި، ދީންވެސް ވިއްކާލާފައި އަމިއްލަވަންތަކަން ވެސް ވިއްކާލައިގެން ވެރިކަމަށް އައިސް އެތިބީ.'' އަދުރޭ ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ ނަސްރުގެ ދުވަސް ފާހަގަކުރުމަށް ސަރުކާރުން ހުރަސްއަޅަނީ ނޮވެންބަރު ތިނެއްގެ ހަމަލާ ރޭވި މީހުންނާ ގުޅުންހުރި ބަޔަކު ސަރުކާރުގެ ތެރޭގައި ތިބުމުން ކަމަށެވެ. އެގޮތުން މާދާމާ ރޭ ކަޅުތުއްކަލާކޮށީގައި ބާއްވާ ރަސްމިއްޔާތުގައި ނަސްރުގެ ދުވަހާ ގުޅޭ އެއްވެސް ވާހަކައެއް އެއްވެސް މީހަކު ނުދެއްކުމަށް ސަރުކާރުން އަންގާފައިވާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް އަދުރޭ ތުހުމަތު ކުރެއްވިއެވެ.
މީގެ އިތުރުން އެމްޑީއެންގެ ރިޕޯޓުގެ މައްސަލައަކީ ފަހުގެ ތާރީހެއްގައި ރާއްޖެއަށް ކުރިމަތިނުވާފަދަ ބޮޑު ނުރައްކަލެއްކަން ފާހަގަކުރައްވާ އެމްޑީއެން ދިފާއު ކުރައްވާފަދަ މޭރުމަކުން ގައުމީ ދުވަހުގެ ޖަލްސާގައި ވެސް ރައީސް ވާހަކަފުޅު ދަައްކަވާފައިވާ ކަމަށް ބުނެ އަދުރޭ ވަނީ ރައްޔިތުން ނުކުމެ ރައީސް ސޯލިހު ވެރިކަމުން ދުރުކުރަން ޖެހޭ ކަމަށް ވިދާޅުވެފައެވެ.