ޝަހީދާ އަބްދުﷲ ސައީދު
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ބޮޑު ހިޔާނާތުގެ މައްސަލައިގެ ތަހުގީގަށް ފިޝަރީޒު މިނިސްޓަރު ޒަހާ ވަހީދު، ފުލުސް އޮފީހަށް ހާޒިރުކޮށްފިއެވެ.
ފުލުހުންނާއި އޭސީސީގެ އިތުރުން އެސެޓް ރިކަވަރީ ކޮމިޝަނުން ހާމަކުރި ގޮތުގައި، މިހާރުގެ ސަރުކާރުގައި ތިއްބެވި ޖުމްލަ ހަތް ބޭފުޅަކަށް އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބިފައިވެއެވެ. އަދި މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ޕްރޮސިކިއުޓާ ޖެނެރަލް އައިޝަތު ބިޝާމް ވެސް ވަނީ ހިޔާނާތުގެ ފައިސާއިން މަންފާ ލިބުނު މީހުންގެ ތެރޭގައި ހިމެނޭ މީހުން ސަރުކާރުގެ ތެރޭގައި ތިބި ކަމަށް ވިދާޅުވެފައެވެ.
އެގޮތުން ހިޔާނާތުގެ މައްސަލައިގައި ޒަހާގެ އިތުރުން ދެން ތުހުމަތު ކުރެވޭ މިނިސްޓަރުންނަކީ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފާއި ސައިންސް އެންޑް ޓެންކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލެވެ.
ޒަހާ ވިދާޅުވީ އޭނާ ފުލުހުންގެ އިދާރާއަށް ހާޒިރުކުރީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށެވެ. އަދި ފުލުހުންނަށް ބަޔާން ދީފައިވާނެ ކަމަށް ވިދާޅުވިއެވެ. ނަމަވެސް އެމައްސަލައާ ގުޅިގެން އިތުރު މައުލޫމާތެއް ޒަހާ ހާމައެއް ނުކުރައްވައެވެ.
ފުލުހުން ބުނީ، އެމްއެމްޕީއާރުސީގެ ތަހުގީގަށް މީހުން ފުލުހަށް ހާޒިރުކުރަމުންދާ ކަމަށާއި ނަމަވެސް ހާޒިރުކުރާ މީހުންގެ މައުލޫމާތު ހާމަކުރެވެން ނެތް ކަމަށެވެ.
ފުލުހުންނާއި އޭސީސީ އަދި އެސެޓް ރިކަވަރީ ކޮމިޝަނުން މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުލުހުން ބުނެފައިވަނީ، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބުނު މީހުންގެ ތެރޭގައި މި ސަރުކާރުގެ ހަތް ފަރާތެއްގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ 16 މެންބަރަކާއި ކުރީގެ 44 މެންބަރުންގެ އިތުރުން ސަލާމަތީ ހިދުމަތްތަކާބެހޭ ހަތް އޮފިސަރުންނާއި މިނިވަން މުއައްސަސާތަކުގެ ފަސް މެންބަރަކާއި ކުރީގެ ސަރުކާރުގެ އިސް 30 ފަރާތެއް ހިމެނެއެވެ.