ނަސްރުގެ ދުވަސް ފާހަގަކުރުމަށް އިދިކޮޅު ކޯލިޝަނުން ޕީޕީއެމްގެ އޮފީސް ކުރިމަތީގައި ކުރިއަށް ގެންދާ އެއްވުން ފެށުމާއެކު އެއްވުން ހުއްޓުވަން މަސައްކަތްކޮށް، ބައެއް މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
ނޮވެމްބަރު 3، 1988 ގެ އުދުވާނީ ހަމަލާއާ ގުޅިގެން ''ބަޑި ބުރާސްފަތި''ގެ ނަމުގައި އިދިކޮޅު ފަރާތްތަކުން މިރޭ 8:30 ގައި ބާއްވަން އޮތް އެއްވުން ފެށުމުގެ ކުރިން ފުލުހުން ވަނީ އެ އެއްވުމަކީ ގާނޫނާ ހިލާފު އެއްވުމެއް ކަމަށްބުނެ އެތަނުން ދިއުމަށް އަންގައިފައެވެ.
ނަމަވެސް ފުލުހުންގެ އެއްގުމާ ދެކޮޅަށް އިދިކޮޅު ކޯލިޝަންގެ އެއްވުން ފެށުމުން ފުލުހުން ވަނީ އެއްވުން ހުއްޓުވަން މަސައްކަތް ކޮށްފައެވެ. އަދި އެއްވުން ހުއްޓުވަން އެތަނުގައި ތިބި އާންމުންނާއި ފުލުހުންނާ ދެމެދު ހަމަނުޖެހުންތަކެއް ވެސް ހިނގިއެވެ.
އެ ސަރަހައްދުގައި ހުރި "ވަން"ގެ ނޫސްވެރިޔާ ބުނީ، އެ ސަރަހައްދުން ނުވަ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ. ނަމަވެސް ފުލުހުންގެ ފަރާތުން އަދި އެކަމާ ގުޅިގެން އެއްވެސް މައުލޫމާތެއް އަދި ހިއްސާއެއް ނުކުރެއެވެ.
މި އެއްވުން އިދިކޮޅު ކޯލިޝަނުން ފުރަތަމަ ބާއްވަން ނިންމީ ޖަލްސާއެއްގެ ގޮތުގައި ކާނިވާ ސަރަހައްދުގައެވެ. ނަމަވެސް ޖަލްސާ ބޭއްވުމުގެ ހުއްދަ ހައުސިން މިނިސްޓްރީން ނުދިނުމުން، ޕީޕީއެމް އޮފީސް ކުރިމަތީގައި ބާއްވަން ނިންމިއެވެ.
ހުއްދަ ނުނަގައި، އެއްވުން ބާއްވަން ނިންމާފައިވަނިކޮށް، ފުލުހުން މިއަދު ކުރި ޓުވީޓެއްގައި ބުނީ ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނާ ހިލާފަށް އެއްވުންތައް ކުރިއަށް ގެންދިއުމުގެ ފުރުސަތު ނުދޭނެ ކަމަށެވެ. އަދި ގާނޫނީ ތަރަހައިގެ ތެރެއިން އެއްވުންތައް ކުރިއަށް ގެންދިއުމަށް ފުލުހުން ވަނީ އިލްތިމާސް ކޮށްފައެވެ.