ޚަބަރު

އިދިކޮޅުން މިރޭ ބާއްވާ އެއްވުމުގައި ޑީއާރުޕީން ބައިވެރިވަނީ

ތިނެއް ނޮވެމްބަރު ދުވަހު ރާއްޖެއަށް ދިން އުދުވާނީ ހަމަލާއާ ގުޅިގެން އިދިކޮޅުން މިރޭ ބާއްވާ އެއްވުމުގައި ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) އިން ބައިވެރިވާނެ ކަމަށް އެ ޕާޓީން ބުނެފިއެވެ.

ޑީއާރުޕީން މިރޭ ކުރި ޓުވީޓެއްގައި ބުނީ، ''ބަޑި ބުރާސްފަތި''ގެ ނަމުގައި އިދިކޮޅު ކޯލިޝަނުން ޕީޕީއެމްގެ އޮފީސް ކުރިމަތީ މިރޭ ބާއްވާ ހާއްސަ ހަރަކާތުގައި ޑީއާރުޕީގެ ލީޑާޝިޕުން ބައިވެރިވާނެ ކަމަށެވެ. އަދި އެ ހަރަކާތުގައި އެޕާޓީގެ ވީހާވެސް ގިނަ މެންބަރުން ބައިވެރިވުމަށް އެދިފައިވެއެވެ

އިދިކޮޅު ކޯލިޝަނުން މިރޭ ބާއްވާ އެއްވުމަކީ ނޮވެންބަރު ތިނެއްގެ އުދުވާނީ ހަމަލާ ކުށްވެރިކޮށް، ޝުއޫރު ފާޅުކުރުމަށް ބާއްވާ އެއްވުމެއް ކަމަށް އިދިކޮޅުން ބުނެފައެވެ. އަދި މިއެއްވުމުގައި ނޮވެންބަރު ތިނެއްގެ ޚާއިނުންނާއި އެކަމަށް އެހީތެރިވެދިން މީހުންނަކީ ކޮބައިކަން ހާމަކުރާނެ ކަމަށް ވެސް ބުނެފައިވެއެވެ.

މި އެއްވުން އިދިކޮޅު ކޯލިޝަނުން ފުރަތަމަ ބާއްވަން ނިންމީ ޖަލްސާއެއްގެ ގޮތުގައި ކާނިވާ ސަރަހައްދުގައެވެ. ނަމަވެސް ޖަލްސާ ބޭއްވުމުގެ ހުއްދަ ހައުސިން މިނިސްޓްރީން ނުދިނުމުން، ޕީޕީއެމް އޮފީސް ކުރިމަތީގައި ބާއްވަން ނިންމިއެވެ.

ހުއްދަ ނުނަގައި، އެއްވުން ބާއްވަން ނިންމާފައިވަނިކޮށް، ފުލުހުން މިއަދު ކުރި ޓުވީޓެއްގައި ބުނީ ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނާ ހިލާފަށް އެއްވުންތައް ކުރިއަށް ގެންދިއުމުގެ ފުރުސަތު ނުދޭނެ ކަމަށެވެ. އަދި ގާނޫނީ ތަރަހައިގެ ތެރެއިން އެއްވުންތައް ކުރިއަށް ގެންދިއުމަށް ފުލުހުން ވަނީ އިލްތިމާސް ކޮށްފައެވެ.