ގާނޫނާ ހިލާފަށް އެއްވުންތައް ކުރިއަށް ގެންދިއުމުގެ ފުރުސަތު ނުދޭނެ ކަމަށް ފުލުހުން ބުނެފިއެވެ.
''ބަޑި ބުރާސްފަތި''ގެ ނަމުގައި އިދިކޮޅު ފަރާތްތަކުން މިރޭ އެއްވުން ބާއްވަން ކާނިވާ ސަރަހައްދު ދެވެން ނެތް ކަމަށް ހައުސިން މިނިސްޓްރީން ބުނި ނަމަވެސް އެ އެއްވުން ބާއްވާނެ ކަމަށް ޕީޕީއެމް ޕީއެންސީން ބުނެފައިވަނިކޮށް، ފުލުހުން މިއަދު ކުރި ޓުވީޓެއްގައި ބުނީ ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނާ ހިލާފަށް އެއްވުންތައް ކުރިއަށް ގެންދިއުމުގެ ފުރުސަތު ނުދޭނެ ކަމަށެވެ.
ގާނޫނީ ތަރަހައިގެ ތެރެއިން އެއްވުންތައް ކުރިއަށް ގެންދިއުމަށް ފުލުހުން ވަނީ އިލްތިމާސް ކޮށްފައެވެ.
މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީއެންސީގެ ނައިބު ރައީސް އަދި ބާރަށު ދާއިރާގެ ކުރީގެ މެންބަރު އިބްރާހީމް ޝުޖާއު ވިދާޅުވީ، ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާއާ ގުޅިގެން އެއްވުން ބާއްވަން ކާނިވާ ސަރަހައްދު ދެވެން ނެތްކަން ހައުސިން މިނިސްޓްރީގެ ސިޓީއަކުން އަންގާފައިވާ ކަމަށެވެ. ނަމަވެސް މިރޭ އެއްވުން އޮންނާނެ ކަމަށާއި އެ އެއްވުން ބާއްވާނީ ޕީޕީއެމްގެ އޮފީސް ކުރިމަތީގައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ޝުޖާއު ވިދާޅުވީ އެއްވުމުގެ މިނިވަންކަން ހަނިކޮށްފައިވާ ކަމަށް ބުނެ އެ މިނިވަންކަން ފުޅާކުރަން ވައުދުވެގެން ވެރިކަމަށް އައި ސަރުކާރަށް ނޮވެމްބަރު ތިނެއްގެ އުދުވާނާ ގުޅޭ އެއްވުން ބާއްވަން ކާނިވާ ސަރަހައްދު ދޭން ނުކެރުނުކަމީ ލަދުވެތިވާންޖެހޭ ކަމެއް ކަމަށެވެ. އަދި ފަހުގެ ތާރީހެއްގައި ރާއްޖެ ދުށް އެންމެ އަނިޔާވެރި އެ ޓެރަރިސްޓް ހަމަލާ، ސަރުކާރުން ފިނި ގޮތަކަށް ދެކެމުންދާ ކަމަށް ވެސް ވިދާޅުވިއެވެ.