މަހަށް ނުކުމެ އުޅުނު ޒުވާނަކު މަރުވެއްޖެއެވެ.
ފުލުހުން ބުނީ ކ. ގުރައިދޫ އިން މަހަށް ދިޔަ ދޯންޏެއްގައި ހުރި 23 އަހަރު ދިވެހި ފިރިހެނެއް، ދޯނީގެ ވަތުތެރެއަށް ވެއްޓި ހަރަކާތް ހުއްޓިފައިވާކަމުގެ ހާދިސާ ރޭ 3:58 ހާއިރު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. ނިޔާވެފައިވަނީ ގުރައިދުއަށް އުފަން ހުސައިން ސަނީހެވެ.
މަހަށް ނުކުމެ އުޅެނިކޮށް މަރުވި މީހާ މިއަދު ހެނދުނު 6:55 ހާއިރު ގުރައިދޫ ސިއްހީ މަރުކަޒަށް ގެންގޮސްފައިވާ ކަމަށާއި ސިއްހީ މަރުކަޒަށް ގެންދިޔަ އިރުވެސް އޭނާ މަރުވެފައިވާ ކަމަށް ސިއްހީ މަރުކަޒުން މައުލޫމާތުދީފައިވާ ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ އެ ހާދިސާއާ ގުޅިގެން މިހާތަނަށް ފުލުހުން ބެލި ބެލުމުން ބޭރުފުށުން އެއްވެސް ޒަހަމެއް ފެންނަން ނެތް ކަމަށާއި އެ ހާދިސާއާ ގުޅިގެން ފުލުހުން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.
"ވަން"އަށް މައުލޫމާތުދެއްވަމުން ގުރައިދޫ ކައުންސިލްގެ ރައީސް ހުސައިން ޔާމީން މުހައްމަދު ވިދާޅުވީ ސަނީހުގެ ކާފަ އަލަށް ގަތް ދޯނިން އޭނާ މިހާތަނަށް ކޮށްފައިވަނީ ދެ ދަތުރެއް ކަމަށާއި ކުރިން އޭނާ މަސައްކަތްކުރީ ގެސްޓްހައުސްއެއްގައި ކަމަށެވެ. އަދި ސަނީހު މަރުވެފައިވާކަން އެނގުނީ އެންވަތަށް ފައިބައިގެން ހަބަރެއް ނުވެގެން ބެލުމުން ކަމަށް ވެސް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.
"ސަނީހު މަހަށް ދަނީ އޭނާގެ ކާފަގެ ދޯނީގައި، ކާފައާއެކު. އެ ދޯނީގައި އެންވަތް ޗެކްކުރަނީ ސަނީހު. އެ ރޫޓިންގައި ސަނީހު އެންވަތް ޗެކްކުރަން ފޭބީ. ނާރައިގެން ގިނައިރުވެގެން ބެލިއިރު އެންވަތް ތެރޭގެ ފެންގަނޑުގައި އޭނާ އޮތީ ނިޔާވެފައި،" ޔާމީން ވިދާޅުވިއެވެ.
ޔާމީން އިތުރަށް ވިދާޅުވީ އެ ހާދިސާ ހިނގާފައިވަނީ އެން ދަމައިގެން މަސް ބާނަން އުޅެނިކޮށް ކަމަށާއި ބެލެވެނީ އެއީ ގުދުރަތީ މަރެއްގެ ގޮތުގައި ކަމަށެވެ.