އިބްރާހިމް ޒަކީ
އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ކުރީގެ ރައީސް ފުއާދު ތައުފީގާއި މިހާރުގެ ނައިބު ރައީސް އަމްޖަދު މުސްތަފާ ހިމެނޭގޮތަށް، އީސީގެ މެންބަރު ކަމަށް ބޭފުޅަކު އައްޔަންކުރަން ތިން ބޭފުޅެއްގެ ނަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މަޖިލީހުގެ ތަޅުމަށް ފޮނުވައިފިއެވެ.
އިލެކްޝަންސް ކޮމިޝަންގެ މެމްބަރު ކަމަށް ބޭފުޅަކު އައްޔަން ކުރެއްވުމަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު، ހަތަރު ބޭފުޅެއްގެ ނަން ރައްޔިތުންގެ މަޖިލީހަށް ފޮނުއްވެވިއެވެ.
ފުއާދު ތައުފީގު، މއ. ތަޅަމުދިގެ، އާއި އަމްޖަދު މުސްތަފާ، އަލިވާގެ ގއ. މާމެންދޫ،. ގެ އިތުރުން ދެން އެބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވަނީ ހަސަން ނާޒިމް ހ. ގާޑެނިއާ، އާއި ހަނީފާ ހާލިދު، އަނބުގަސްދޮށުގެ ހއ. ކެލާ، އެވެ.
މިބޭފުޅުންގެ ނަންތައް ދިރާސާކުރުމަށް ރައްޔިތުންގެ މަޖިލީހުން، މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުއްވީ މިދިޔަ މަހުގެ ތިންވަނަ ދުވަހުއެވެ.
އެ ނަންތައް ދިރާސާ ކުރުމަށްފަހު މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މަޖިލީހުގެ ތަޅުމަށް ހުށަހެޅުމަށް ފޮނުވާފައިވާ ރިޕޯޓުގައި ރައީސް ފޮނުއްވި ހަތަރު ބޭފުޅުންގެ ތެރެއިން، ހަސަން ނާޒިމް، ހ. ގާޑެނިޔާ، ގެ ނަން ވަނީ އުނިކޮށްފައެވެ.
ރިޕޯޓުގައި ކޮމިޓީން އިސްކަންދީފައިވާ ގޮތަށް ބަލާ އިރު، ލިސްޓުގެ އެއްވަނައިގައި ހިމެނިވަޑައިގަންނަވަނީ، ފުއާދު ތައުފީގު، މއ. ތަޅަމުދުގެ، އެވެ. ދެވަނައަށް އަމްޖަދު މުސްތަފާ، އަލިވާގެ، ގއ. މާމެންދޫ، ހިމެނިވަޑައިގަންނަވާ އިރު، ތިންވަނަ ބޭފުޅަކަށް ހިމެނިވަޑައިގަންނަވަނީ، ހަނީފާ ހާލިދު، އަނބުގަސްދޮށުގެ، ހއ. ކެލާ، އެވެ.
އީސީގެ މެންބަރުކަމަށް ބޭފުޅަކު އައްޔަންކުރުމަށް ރުހުން ދިނުމަށް މަޖިލީހުގެ ތަޅުމުގައި ވޯޓަށް އަހާނީ، ކޮމިޓީން ނިންމާފައިވާ ތަރުތީބުންނެވެ. އަދި އެ ތިން ނަމުގެ ތެރެއިން އިލެކްޝަންސް ކޮމިޝަނުގެ މެމްބަރުކަމަށް އައްޔަންކުރާނީ އޭގެ ތެރެއިން އެންމެ ގިނަ ވޯޓު ލިބިވަޑައިގަންނަވާ ބޭފުޅެކެވެ.
އިލެކްޝަންސް ކޮމިޝަނުގެ މެންބަރު ކަމަށް ކުރިމަތިލާން ރައީސް އޮފީހުން ހުޅުވާލީ އެ ކޮމިޝަންގެ ނައިބު ރައީސް އަމްޖަދު މުސްތަފާގެ ދައުރު މިމަހުގެ 24 ވަނަ ދުވަހަށް ހަމަވާނެތީއެވެ.