ޚަބަރު

ރައީސް ފޮނުއްވި ނަމެއް އުނިކޮށް، އެންއައިސީއަށް މެމްބަރަކު އައްޔަންކުރަން ތިން ނަމެއް މަޖިލިސް ތަޅުމަށް

އިބްރާހިމް ޒަކީ

ނެޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) އަށް މެންބަރަކު އައްޔަން ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ހަތަރު ބޭފުޅުންގެ ތެރެއިން، ގ. ތުނޑިވެލި، ހައްވާ ލީޝާގެ ނަން އުނިކޮށް، ތިން ބޭފުޅެއްގެ ނަން މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މަޖިލިސް ތަލުމަށް ފޮނުވައިފިއެވެ.

އެންއައިސީއަށް މެމްބަރަކު އައްޔަން ކުރުމަށް ރައީސް ސޯލިހު ރައްޔިތުންގެ މަޖިލީހަށް ނަން ފޮނުއްވި ހަތަރު ބޭފުޅުންގެ ތެރޭގައި ހިމެނެނީ، އަލްއުސްތާޒު ޝުއައިބު އަބުދުއްރަހުމާން ދަފްތަރު 1188، އާއި ކާނަލް ރިޓަޔާޑް އަހުމަދު ޖިހާދު ވ. ދިވެތި، އާއި ޑރ. މަރިޔަމް ޝަހުނީޒާ ނަސީރު ތިލަދޫ ހއ.ދިއްދޫ، އާއި ހައްވާ ލީޝާ ގ. ތުނޑިވެލި އެވެ.

މި ބޭފުޅުންގެ ނަންތައް ދިރާސާ ކުރުމަށް މަޖިލީހުން މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީއަށް ފޮނުވީ، މިދިޔަ މަހުގެ ތިންވަނަ ދުވަހުއެވެ.

ކޮމިޓީން އެ ނަންތައް ދިރާސާ ކުރުމަށްފަހު އެކުލަވާލާ ރިޕޯޓު މަޖިލިސް ތަޅުމަށް ހުށަހެޅުމަށް މިދިޔަ ބުރާސްފަތި ދުވަހު ވަނީ ފޮނުވައިފައެވެ.

އެ ރިޕޯޓުގައި ހައްވާ ލީޝާގެ ނަން އުނި ކުރުމަށްފަހު ކޮމިޓީން މަޖިލީހަށް ލަފާ ދީފައިވަނީ، އަނެއް ތިން ބޭފުޅުންގެ ތެރެއިން ބޭފުޅަކު އެންއައިސީގެ މެމްބަރު ކަމަށް އައްޔަންކުރުމަށެވެ.

ކޮމިޓިގެ ރިޕޯޓުގައި އެ ތިން ބޭފުޅުންގެ ތެރެއިން އިސްކަން ދީފައިވަ ގޮތަށް ބަލާ އިރު، ލިސްޓުގެ އެއްވަނައިގައި ވަނީ، އަލްއުސްތާޒު ޝުއައިބު އަބުދުއްރަހުމާން ދަފްތަރު 1188 އެވެ. ދެވަނައިގައި ޑރ. މަރިޔަމް ޝަހުނީޒާ ނަސީރު ތިލަދޫ ހއ.ދިއްދޫ، ހިމަނާފައިވާ އިރު، ތިންވަނައިގައި ހިމަނާފައިވަނީ، ހައްވާ ލީޝާ ގ. ތުނޑިވެލި އެވެ.

އެންއައިސީގައި މިހާރު ތިއްބަވަނީ ހަތަރު މެމްބަރުންނެވެ. އެއީ ކޮމިޝަންގެ ރައީސް އަހުމަދު ސުލައިމާނާއި ނައިބު ރައީސް ހައްސާން ހަމީދާއި މެމްބަރު ހަދީޖާ އަބްދުﷲ އަދި އަހުމަދު އަމީނެވެ. ފަސް މެމްބަރުން ހިމެނޭ ކޮމިޝަންގެ މެމްބަރުކަމަށް ބޭފުޅަކު އައްއަން ކުރާނީ ކޮމިޓީ ރިޕޯޓުގައި ހިމެނޭ ބޭފުޅުންގެ ތެރެއިން މަޖިލީހުން ރުހުންދޭ ބޭފުޅެކެވެ.