އިބްރާހިމް ޒަކީ
ބިދޭސީން ގަލޮޅު ދަނޑަށް އެއްކޮށް މައުލޫމާތު ނެގުމަށްފަހު ކުރިން އުޅުނު ގޮތަށް އުޅެން ފޮނުވާލުމުން، މާލޭ ބާޒާރަށް ތަކެތި ގެނެސް ޖީއެސްޓީ ނުދޭ ގޮތަށް ވިޔަފާރި ކުރުން އެމީހުންނަށް ހުއްދަ ވެފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބު ރައީސް، ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.
ހުޅުހެންވޭރު ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު މިއަދު ކުރެއްވި ޓުވީޓެއްގައި މިހެން ވިދާޅުވެފައިވަނީ، ގަވައިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންނަށް އިތުރު ފުރުސަތެއް ދިނުމުގެ ގޮތުން ހަ މަސް ދުވަހަށް ކަނޑައަޅައިގެން ކުރިއަށްގެންދާ ޕްރޮގްރާމަށް ނިސްބަތްކޮށެވެ.
ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ރަޖިސްޓްރީ ކުރުމަށް މިދިޔަ ސެޕްޓެމްބަރު މަހުގެ 20 ވަނަ ދުވަހު އިކޮނޮމިކް މިނިސްޓްރީން ހުޅުވާލި ފުރުސަތުގައި ރަޖިސްޓްރީ ކުރަން ޖަމާވާން ފެށި މީހުންގެ ގިނަކަމުން، ކުރީގެ ޕީޖީ އޮފީސް އިމާރާތުގައި ކުރިއަށްގެންދިޔަ މަސައްކަތް ވަނީ ގަލޮލު ދަނޑަށް ބަދަލު ކޮށްފައެވެ.
ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ރަޖިސްޓްރީ ކުރުމަށްފަހު ވަޒީފާ ހޯދަންވެސް ހަ މަސް ދުވަހުގެ މުއްދަތެއް ވަނީ ކަނޑައަޅައިފައެވެ.
މޫސަ ވިދާޅުވީ، "ބިދޭސީން ގަލޮޅު ދަނދަށް އެއްކޮށް މައުލޫމާތު ނަގައިފައި ކުރިން އުޅުނު ގޮތަށް އުޅެން ފޮނުވާލީމައި، މިހާރު އެމީހުން ހާއްސަ ހުއްދައިގެ ދަށުން ވަގު ވިޔަފާރި ކުރުމާއި ފަޅުރަށްރަށް ކޮށައި ސުންނާފަތި ކޮށްގެން މާލޭ ބާޒާރަށް ތަކެތި ގެނެސް ވިއްކާފައި، ޖީއެސްޓީ ނުދޭ ގޮތަށް ވިޔަފާރި ހުއްދަވީ." ކަމަށެވެ.
ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް ސަރުކާރުން އަޅަން ނިންމި ގިނަ ފިޔަވަޅުތަކުގެ ތެރެއިން ރާއްޖޭގައި މިހާރު ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން، އަލުން ރަޖިސްޓްރީ ވާން ފުރުސަތު ދިނުމުގެ އިތުރުން، ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ގެންގުޅޭ ކުންފުންޏެއް ނަމަ އަލުން ރަޖިސްޓްރީކުރަން ވެސް ވަނީ ފުރުސަތު ހުޅުވާލައިފައެވެ. އަދި އެކި ގައުމުތަކުން ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންނަށް ކޯޓާ ލިމިޓުތަކެއް ވެސް ވަނީ ކަނޑައަޅައިފައެވެ.
ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތްތަކުގެ ތެރެއިން، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ ގަވައިދާ ހިލާފަށް މަސައްކަތް ކުރާ ބިދޭސީންގެ މައްސަލަ ހައްލު ކުރަން ހާއްސަ ޓާސްކްފޯހެއް ވެސް އުފައްދަވައިފައެވެ. އަދި ބިދޭސީން ގެނައުމުގައި ކުރިން އިމިގްރޭޝަން ޑިޕާޓްމަންޓުން ކުރަމުންދިޔަ ބައެއް މަސައްކަތްތައް ވަނީ އިކޮނޮމިކް މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފައެވެ.