ރާއްޖޭގެ 31 ވަނަ ނަސްރުގެ ދުވަހުގެ މުނާސަބަތުގައި، އެމްއެންޑީއެފްގެ އޭރިއާތަކުގައި "ވިކްޓްރީ ރަން" ބާއްވައިފިއެވެ.
މިއަދު ހެނދުނު މާލޭގައި ކުރިއަށްގެންދިޔަ "ވިކްޓްރީ ރަން" ފަށާފައިވަނީ ހެނދުނު 6:00ގައި ކަޅުތުއްކަލާކޮށިންނެވެ. ގިނަ އަދަދެއްގެ ސިފައިން ބައިވެރިވި މި ދުވުން ކުރިއަށް ގެންގޮސްފައިވަނީ ކަޅުތުއްކަލާކޮށިން ނުކުމެގެން ހުޅަނގަށް ގޮސް، ބޮޑުތަކުރުފާނު މަގުން މާލެ ވަށައި ދުވެ ކަޅުތުއްކަލާކޮށްޓަށެވެ.
މި ދުވުމުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް އާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފާއި ޖެނެރަލް އޮފިސަރުންނާއި އޮފިސަރުންގެ އިތުރުން އެހެނިހެން ރޭންކުތަކުގެ ގިނަ އަދަދެއްގެ ސިފައިން ބައިވެރިވެފައިވެއެވެ. މި ދުވުމަށްފަހު ޗީފް އޮފް ޑިފެންސް ފޯސް ވަނީ ސިފައިންނާ މުހާތަބުކުރައްވައި ވާހަކަދައްކަވައިފައެވެ.
ނަސްރުގެ ދުވަހުގެ މުނާސަބަތުގައި އެމްއެންޑީއެފުން ބޭއްވި "ވިކްޓްރީ ރަން" ވަނީ އެމްއެންޑީއެފް ނޮދަން އޭރިއާ އާއި އެމްއެންޑީއެފް ސެންޓްރަލް އޭރިއާގެ އިތުރުން އެމްއެންޑީއެފް ސަދަން އޭރިއާގައި ވެސް މިއަދު ހެނދުނު ބާއްވައިފައެވެ.
"ވިކްޓްރީ ރަން" އަކީ އަސްކަރިއްޔާތަކުގައި ކާމިޔާބީ ފާހަގަކުރުމަށާއި އަސްކަރީ ސަފުތަކުގެ ބަދަހިކަން ދައްކައިދިނުމާއި، ގައުމީ ރޫހާއި ޖޯޝް ލަޝްކަރުގައި އަށަގެންނެވުމަށް ބާއްވަމުންގެންދާ ހަރަކާތެކެވެ. އަދި ވަކިން ހާއްސަކޮށް މި ހަރަކާތް ރަމްޒުކޮށްދެނީ ދީނާއި ގައުމުގެ ހައްގުގައި ޝަހީދުވި މަތިވެރި އަބްޠާލުންގެ ޒިކުރާއެވެ.