ސަރުކާރަށާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ފާޑުވިދާޅުވަމުން ގެންދަވާ ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވުމުން އެވާހަކަތައް ޖޭޕީން ދޮގުކޮށްފިއެވެ.
ޖޭޕީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ، އެ ޕާޓީން އަބަދުވެސް ކޯލިޝަން ޕާޓުނަރެއްގެ ހައިސިއްޔަތުން ސަރުކާރު ދަމަހައްޓަން ވަރަށް ބުރަކޮށް މަސައްކަތްކުރާ ކަމަށެވެ. އަދި ކޯލިޝަން އުފައްދާފައިވަނީ ހިޔާލު ތަފާތު ވިނަމަވެސް، ހިޔާލު ތަފާތުވުންތަކުގައި މަޝްވަރާކޮށްގެން އެކަމަށް ހައްލު ހޯދައިގެން ލީޑަޝިޕް ދެމެހެއްޓުމަށް ކަމަށް ވެސް ބުނެފައިވެއެވެ.
އެގޮތުން ރައީސް ސޯލިހު ގެންގުޅުއްވާ ހަރުދަނާ ސިޔާސަތުތަކަށް އެޕާޓީން މަރުހަބާ ކިޔާ ކަމަށާއި ނަމަވެސް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ފާޑު ކިޔަނީ އެމަނިކުފާނުގެ އަމަތުތައް ހުންނަ ގޮތުން ކަމަށް ޖޭޕީން ބުންޏެވެ.
"ރައީސް ނަޝީދު ކުރައްވާ ކަންކަމުގައި ފާޑު ކިޔަން ޖެހެނީ ފާޑު ކިޔޭނެ މިންވަރަށް އެކިއެކި ކަންކަމުގައި ގެންގުޅުއްވާ ދިވެހިންނާއި ބީރައްޓެހި، ގައުމީ ދީނީ އެއްބައިވަންތަކަން ގެއްލޭ މިންވަރަށް ދައްކާ ވާހަކަފުޅާއި އަމަލުތަކުގެ ސަބަބުންކަން ފާހަގަކުރަން. ޖޭޕީން ގޯލިޝަންގައި އޮތްނަމަވެސް އިސްލާމް ދީނާއި ގައުމާއި ރައްޔިތުންނަށް ގެއްލުން ވާނެ ކަމެއް ކުރާނަމަ އެކަމާ ދެކޮޅަށް ޖޭޕީން ވާހަކަ ދައްކާނެ،" ޖޭޕީގެ ބަޔާނުގައިވެއެވެ.
ނަމަވެސް ރައީސް ނަޝީދު ފަހަކަށް އައިސް ސަރުކާރުގެ ކަންކަމަށް ފާޑު ވިދާޅުވާއިރު އަލީ އާޒިމް ދެއްކެވި ވާހަކަފުޅުން ރައީސް ސޯލިހުގެ ސަރުކާރަކީ ރައީސް ނަޝީދު ހިމެނޭ ސަރުކާރަކަށް ނުވާކަން ދޭހަވާކަން ފާހަގަވޭތޯ ސުވާލު އުފައްދައިފައެވެ.
ޖޭޕީގެ ބަޔާނުގައި އިތުރަށް ބުނީ، އެޕާޓީން އަބަދު ވެސް ކޯލިޝަން ދެމެހެއްޓުމަށް މަސައްކަތްކުރާނެ ކަމަށާއި އަދި ހެޔޮ ގޮތުގައި ވެރިކަން ދެމެހެއްޓުމަށް ރައީސް ސޯލިހަށް އެއްބާރުލުން ދޭނެ ކަމަށެވެ.