ސުޕްރީމް ކޯޓުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް ހުރަސް އަޅަން އުޅޭ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގެ ކުއްލި ބައްދަލުވުމެއް އެޖެންޑާކޮށްފިއެވެ.
އެ ބައްދަލުވުން ބާއްވަން ނިންމާފައި މިވަނީ، މިފަހުން ޖޭއެސްސީގެ ގާނޫނަށް ގެނައި އިސްލާހުތައް ބާތިލް ކުރުމާ ގުޅޭ މަޝްވަރާ ކުރަން ޖުޑީޝަލް ކައުންސިލުން ބައްދަލުވުމެއް މިރެއަށް ތާވަލު ކުރުމާ ގުޅިގެންނެވެ.
ޖުޑީޝަރީ ކޮމިޓީގެ ކުއްލި ބައްދަލުވުމެއް ބާއްވާ ސަބަބެއް ކަމަށް ރައްޔިތުންގެ މަޖިލީހުން ބުނީ، އުއްތަމަ ފަނޑިޔާރު ބައިވެރިވެ ވަޑައިގެން، ގާނޫނުތަކަށް އަމަލު ނުކުރެއްވުމަށާއި ޖޭއެސްސީ އާއި ޑީޖޭއޭގެ ގާނޫނީ ދައުރަށް ހުރަސްތައް ކުރިމަތި ކުރެއްވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމުގެ މައުލޫމާތު ލިބިފައިވާތީ އެކަމާ ގުޅިގެން މަޝްވަރާ ކުރެއްވުމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، މިރޭ ޖުޑީޝަލް ކައުންސިލުގެ ޖަލްސާގެ އެޖެންޑާގައި އޮތީ ޖޭއެސްސީގެ ގާނޫނަށް މިފަހުން ގެނައި އިސްލާހުތަކާމެދު އެ ކައުންސިލުގައި މަޝްވަރާކޮށް އެކަމާމެދު އެ ކައުންސިލަށް ފެންނަ ގޮތްތަކެއް ކަނޑައެޅުމެވެ.
އަދި ޖޭއެސްސީގެ ގާނޫނަށް ގެނައި އިސްލާހުތަކަށް އަމަލު ކުރުމަށް މަސައްކަތް ކުރާތީ، ސުޕްރީމް ކޯޓްގެ ސެކްރެޓަރީ ޖެނެރަލް، ޑރ. އަހުމަދު ފާއިޒުއާމެދު ފިޔަވަޅު އެޅުމަށް ވެސް މަސައްކަތްކުރާ ކަމަށް ވެސް މައުލޫމާތު ލިބެއެވެ..