ސީރިއާގައި ހިނގަމުންދާ ހަނގުރާމައާ ގުޅުންހުރި ކަމުގެ ތުހުމަތުގައި ތުރުކީގެ ބުލެކްލިސްޓުގައި 134 ދިވެހިން ހިމަނާފައިވާ ކަމަށް އެގައުމުގެ ކަމާބެހޭ އިދާރާތަކާ ހަވާލާދީ އަލްޖަޒީރާއިން ބުނެފިއެވެ.
އަލްޖަޒީރާއިން އެހެން ބުނެފައިވަނީ، ސީރިއާގެ ހަނގުރާމައިގައި ބައިވެރިވުމަށް ރާއްޖެއިންދާ ދިވެހިންނާ ގުޅޭގޮތުން އަލްޖަޒީރާގެ ވީކްލީ ކަރަންޓް އެފެއާޒް ޕްރޮގްރާމެއް ކަމަށްވާ "101 އީސްޓް" ޕްރޮގްރާމްގައި އިއްޔެ ގެނެސްދިން ރިޕޯޓެއްގައެވެ.
"މޯލްޑިވްސް: ޓްރަބަލް އިން ޕެރަޑައިސް" ގެ ނަމުގައި އަލްޖަޒީރާއިން ގެނެސްދީފައިވާ 25 މިނެޓުގެ އެ ވީޑިއޯ ރިޕޯޓުގައި ތުރުކީގެ ކަމާބެހޭ އިދާރާތަކާ ހަވާލާދީ ބުނެފައިވާ ސީރިއާއަށް ދިޔަ ގިނަ ދިވެހިންނަކީ އެކި ކަހަލަ ކުށްތަކުގައި ގިނަ ދުވަސްތަކެއް ވަންދެން ޖަލުގައި ތިބުމަށްފަހު މިނިވަންވެފައިވާ މީހުންނެވެ.
އެ ރިޕޯޓަށް މައުލޫމާތު ދެއްވާފައިވާ ބޭފުޅުންގެ ތެރޭގައި ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރުގެ އިތުރުން ނޭޝަނަލް ކައުޓާ ޓެރަރިޒަމް ސެންޓަރުގެ ޑިރެކްޓަރު ޖެނެރަލް ބްރިގޭޑިއާ ޒަކަރިއްޔާ މަންސޫރު އަދި ދިއްދޫ ކައުންސިލްގެ ކުރީގެ ރައީސް އަލީ ހާޝިމް ހިމެނެއެވެ.
އޭގެ އިތުރުން ހަނގުރާމައަށް ގޮސް މަރުވެފައިވާ ދިވެހި ދެ ޒުވާނެއްގެ އާއިލާ އާއި އޭގެން އެއް ޒުވާނެއްގެ ރަހުމަތްތެރިންގެ އިންޓަވިއު ވެސް ހިމަނާފައިވެއެވެ.
ތުރުކީގެ ކޮން އިދާރާއެއްކަން ހާމަނުކޮށް އެ ރިޕޯޓުގައި ބުނެފައިވަނީ، ހަނގުރާމަ ހިނގަމުންދާ ސަރަހައްދުތަކާ ގުޅުން އޮންނަ ކަމުގެ ތުހުމަތުގައި ތުރުކީން 25 ދިވެހިން ޑީޕޯޓް ކޮށްލާފައިވާ ކަމަށެވެ. އަދި އިތުރު 134 ދިވެއްސަކު އެގައުމުގެ ބުލެކްލިސްޓުގައި ހިމަނާފައިވާ ކަމަށެވެ.
ނަމަަވެސް މިއީ ކޮން އިރެއްގެ ތަފާސް ހިސާބެއް ކަމެއް ބުނެފައެއް ނުވެއެވެ.
ޑޮކިއުމަންޓްރީއަށް ރައީސް ނަޝީދު ވިދާޅުވީ، ސަރުކާރުގެ އަދަދުން ދައްކާނަމަ ގާތްގަނޑަކަށް 300 ދިވެހިން ސީރިއާގައި ހިނގަމުންދާ ހަނގުރާމައިގައި ބައިވެރިވުމަށް ގޮސްފައިވާ ކަމަށެވެ. ނަމަވެސް ދުނިޔޭގެ އެކި އިންޓެލިޖެންސް އެޖެންސީތަކުން އެ އަދަދު ގާތްގަނޑަކަށް 1000 އަށް އިތުރުވާނެ ކަމަށް ވިދާޅުވެފައިވެއެވެ.
ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު އެ ޑޮކިއުމެންޓްރީގައި ވިދާޅުވެފައިވަނީ އޭނާ މަގާމުގައި ހުންނެވިއިރު، ސީރިއާއަށް ދާން އުޅުނު ތިން މީހެއްގެ މައްޗަށް ދައުވާކުރި ކަމަށެވެ.
"އެ ދައުވާތައް ބައެއް ފަހަރު ކާމިޔާބެއް ނުވޭ. އެމީހުން ބުނަނީ އެމީހުން ސީރިއާއަށް ނުދަމޭ. އެމީހުން އާންމުކޮށް ދަނީ ތުރުކީއަށް، ގޮސް އެމީހުން ބޯޑަރު (ސީރިއާއާ ގުޅޭ) ހުރަސްކުރަނީ. ޕާސްޕޯޓެއް ފަދަ އެއްޗެއްވެސް ނޯވޭ. އެހެންވެ މިއީ ސާބިތުކޮށްދޭން އުނދަގޫ ކަމެއް،" އުމަރު ނަސީރު ވިދާޅުވެފައިވެއެވެ.