މީހުންނަށް މަރުގެ އިންޒާރު ދެމުންދާކަމުގެ ތުހުމަތުގައި ފުވައްމުލަކުން ހައްޔަރުކުރި ޒުވާނާ ދޫކޮށްލައިފިއެވެ.
ސޯޝަލް މީޑިއާގައި މީހުންނަށް މަރުގެ އިންޒާރުދިނުމުގެ އިތުރުން މުޖުތަމައުގައި ބިރުވެރިކަން އުފެދޭގޮތަށް އަނިޔާވެރިކަމަށް ހިތްވަރު ދެމުންދާ މައްސަލައެއްގައި ފުވައްމުލަކުން އުމުރުން 19 އަހަރުގެ ޒުވާނަކު ހައްޔަރުކުރީ މިދިޔަ ހަފުތާގެ ތެރޭގައެވެ.
ފުލުހުން ބުނީ މަރުގެ އިންޒާރު ދެމުންދާކަމުގެ ތުހުމަތުގައި ފުވައްމުލަކުން ހައްޔަރުކުރި 19 އަހަރުގެ މީހާ މިއަދުގެ ވަގުތެއްގައި ދޫކޮށްލާފައިވާ ކަމަށެވެ. އެކަމާ ގުޅޭ އިތުރު ތަފުސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.
އެނގިފައިވާ ގޮތުގައި އެ މައްސަލައިގައި ފުލުހުން ހައްޔަރުކުރީ ފުވައްމުލަކު ހޯދަޑު އަވަށު ޒުވާނެއް ކަމަށްވާ އަލީ ރަވާއުއެވެ. އަދި އޭނާ ހައްޔަރުކުރީ ފުވައްމުލަކުގެ ފުޓްބޯޅަ ދަނޑެއްގައި ފުޓްބޯޅަ ކުޅެން ހުއްޓައި، ކޯޓު އަމުރެއްގެ ދަށުންނެވެ.
ނިމިދިޔަ މަހުގެ ކުރީކޮޅު ވެސް ފުލުހުން ވަނީ، މުޖުތަމައުގެ ތެރޭގައި ބިރުވެރިކަން އުފެއްދޭ ގޮތަށް މީހުންގެ ފުރާނައަށް ގެއްލުން ދިނުމަށާއި އަނިޔާވެރި އަމަލުތައް ހިންގުމަށް ގޮވާލައި އަދި ޓެރަރިސްޓް ޖަމާއަތްތަކުގެ ނިޝާންތަކާއި ލިޔެކިޔުންތައް ސޯޝަލް މީޑިއާގައި ޕޯސްޓްކޮށް ހާމަކުރަމުންދިޔަ މައްސަލައެއްގައި އުމުރުން 27 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައެވެ.