ޚަބަރު

މާފަންނު ގެއަކުން ތިޖޫރީއަކާއި ގިނަ ސާމާނުތަކެއް ވަގަށް ނެގި މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފި

މާފަންނު ގެއަކުން ތިޖޫރީއަކާއި ގިނަ ސާމާނުތަކެއް ވަގަށް ނެގި މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ ރޭ ދަންވަރު މާފަންނު ގެއަކުން ވައްކަން ކުރަން އުޅުނު މީހެއް ހިފަހައްޓައިގެން ރިޕޯޓުކޮށްފައިވާ ކަމަށާއި ވައްކަން ކުރަން އުޅުނު މީހާ އެގޭ މީހުން ހިފަހައްޓަން އުޅުމުން އަތް ފޮޅާލާފައި އެގޭ ފުރާޅުމަތިން ފުންމާލައިގެން ފިލަން އުޅުނު ވަގުތު އެގޭ ފާރުމަތީގައި ޖަހާފައި ހުރި ބިއްލޫރި ފުޅި ތޮށިން އޭނާގެ ދެ އަތް ކަނޑައިގެން ގޮސްފައިވާ ކަމަށެވެ. ނަމަވެސް އޭނާއަށް ސީރިއަސް އަނިޔާއެއް ނުވެއެވެ.

އެމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް، މީހާ އާއި ސަރަހައްދު ބަލައި ފާސްކޮށް، ވަގަށް ނަގާފައިވާ ތިޖޫރީ އާއި ހުރިހާ ސާމާނުތަކެއް ހޯދާފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

އޭނާ ވަގަށް ނެގި ވަކި ލާރި ފުޅިއަކާއި ކަށިކަނގާއި މަރުތެޔޮ ފަދަ ސާމާނުތަކާއި ކުޑަ ލަޑުކި ފޮއްޓެއް ފުލުހުން ހޯދާފައިވަނީ މިސްކިތެއްގެ ފާހާނާ ތެރެއިންނެވެ. އޭގެ އިތުރުން ވަގަށް ނެގި ވަކި ލާރި ފުޅިއަކާއި ކަރަންޓު ކީސް ފުލުހުން ހޯދީ އެގޭ ފާހާނާ ތެރެއިންނެވެ. އަދި ވައްކަން ކުރި މީހާގެ އަތުން އެއް ކުޑަ ވަޅީގެ އިތުރުން ބައެއް ކަރަންޓު ސާމާނުތައް ވެސް ފުލުހުން ހޯދާފައިވެއެވެ.

ފުލުހުން ބުނީ އޭނާ ވަގަށް ނެގި ތިޖޫރީ އާއި ސާމާނުތައް ހޯދުމަށްފަހު އެގޭގެ ވެރިފަރާތާ ހަވާލުކޮށްފައިވާ ކަމަށާއި އެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ 19 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އަދި އެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށް ވެސް ފުލުހުން މައުލޫމާތުދެއެވެ.