ރާއްޖޭގައި މަސައްކަތް ކުރާ ބޭރު މީހުންނަށް ވެސް އެންމެ ކުޑަ އުޖޫރަ ކަނޑައަޅަންޖެހޭ ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ދެކުނު މަހާސިންތާ 2019 ނިންމުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ ދިވެހިނަށް ނުހޯދޭ ތަނަވަސްކަމެއް ނުވަތަ ތަރައްގީއެއް ބިދޭސީން ގެނެސްގެން ހޯދުމުގެ ބޭނުމެއް ނެތް ކަމަށެވެ. އަދި އަގު ހެޔޮކޮށް އެކި މަސައްކަތްތަކަށް ބިދޭސީން ގެނެސްގެން، އެމީހުންލައްވާ ގުލާނު ކުރުވައި، ދިވެހި މަސައްކަތްތެރިން ބާކީވާ އިގްތިސާދީ ފަލްސަފާއަކީ އެމަނިކުފާނު ގަބޫލުކުރައްވާ ފަލްސަފާއެއް ނޫން ކަމަށް ވިދާޅުވިއެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވީ އެއްޗެއް އުފެދިންގެން އަންނާނީ ކެޕިޓަލް، ވިޔަފާރަކުރާ މީހާ އަދި މަސައްކަތްކުރާ ބަޔަކު ތިބެގެން ކަމަށްވާއިރު މި ތިން އަސާސުގެ ތެރެއިން އެކަތި ކަމަށްވާ މަސައްކަތްތެރިން ރާއްޖެއިން ބޭރުން ގެންނަނަމަ ދިވެހިން ބާކީވާނެ ކަމަށެވެ. އަދި މުޖުތަމައުގައި މަސައްކަތްތެރިން ގިނަވެ، ދިވެހި މަސައްކަތްތެރިން ކުރާނެ މަސައްކަތެއް ނެތި ތިބޭނަމަ އެކަމުން ތަރައްގީއެއް ނުނިކުންނާނެ ކަމަށް ވިދާޅުވިއެވެ.
''...އެއް އަސާސްކަމުގައިވާ މަސައްކަތްތެރިން، އެމީހުންނަކީ މާހެޔޮ އަގުގައި ބޭރުން ގެންނަ ބައެއް ކަމަށް ވަނީވިއްޔާ ދިވެހިން ތިބޭނީ ބާކީވެފައި. މީގައި ބާކީވަނީ ދިވެހިންގެ ލޭބާ ފޯސް. ދިވެހި ލޭބާ ފޯސް ސާޕްލަސް ވެފައި ތިބެއްޖެނަމަ، އޭގެން ތަރައްގީއެއް ނުނިކުންނާނެ,'' ނަޝީދު ވިދާޅުވިއެވެ.
މިކަމަށް ހައްލެއް ގެނެވެސް އޮތީ އެންމެ ކުޑަ އުޖޫރަ ކަނޑައަޅައިގެންކަން ފާހަގަކުރައްވާ އެމަނިކުފާނު ވިދާޅުވީ، ކުޑަ އުޖޫރައާއެކު ކުރިން އަގުބޮޑުވި ދިވެހިންނަށްވުރެ ބޭރުމީހުން އަގު ބޮޑުވާނެ ކަމަށެވެ. އަދި ވިޔަފާރިއަކީ ފައިދާއަށްކުރާ ކަމަކަށްވާއިރު، އެމީހުން މަސައްކަތް ކުރާނީ އަގުހެޔޮ ބަޔަކު ގޮވައިގެން ކަމަށް ނަޝީދު ވިދާޅުވިއެވެ. އަދި މި ބަދަލާއެކު ދިވެހިންނަށް ވަޒީފާގެ ފުރުސަތު ފަހިވާނެ ކަމަށް ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ވަޒީފާ ނުލިބި ތިބޭ މީހުންނަށް ހޯދައިދޭން ބުނި ފަސޭހަތަކާ ގުޅިގެން ވެސް ނަޝީދު ވާހަކަފުޅު ދެއްކެވިއެވެ.
އެމަނިކުފާނު ވިދާޅުވީ، ވަޒީފާ ނުލިބި، ވަޒީފާއެއް ހޯދުމަށް މަސައްކަތްކުރާ މީހުންނަށް އުޖޫރައެއް ކަނޑައަޅާނެ ކަމަށާއި ވަޒީފާގެ ދަފުތަރު އެކުލަވާލުމާއެކު، ކޮންމެ ސަރަހައްދަކުން ވެސް އެވަޒީފާ އަދާ ކުރެވޭނެ ދިވެއްސެއް ނެތީވިއްޔާ ނޫނީ ބިދޭސީއަކަށް ވަޒީފާ ނުދޭނެ ކަމަށެވެ.