ޚަބަރު

އަންނަ އަހަރަށް ލަފާކުރާ ބަޖެޓު މަޖިލީހަށް ފޮނުވައިފި

އަންނަ އަހަރަށް ލަފާކޮށްފައިވާ ދައުލަތުގެ އަހަރީ ބަޖެޓު ރައްޔިތުންގެ މަޖިލީހަށް މިއަދު ފޮނުވައިފިއެވެ.

ފިނޭންސް މިނިސްޓްރީން ބުނީ، 2020 ވަނަ އަހަރުގެ ދައުލަތުގެ އަހަރީ ބަޖެޓު، ދައުލަތުގެ މާލިއްޔަތުގެ ޤާނޫނުގެ 32 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅާފައިވާ ކަމަށެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި، އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގެ އަދަދު ގާތްގަނޑަކަށް 40 ބިލިއަން ރުފިޔާއަށް އަރާނެއެވެ.

ކުރިއަށް އޮތް އަހަރުގެ ބަޖެޓު އަންދާޒާކޮށް ފެނޭންސް މިނިސްޓްރީން އާންމުކުރި "2020-2022 ފިސްކަލް ސްޓްރެޓެޖީ" ބަޔާނުން ދައްކާގޮތުން، އަންނަ އަހަރުގެ ޖުމުލަ ބަޖެޓު ހުންނާނެ ކަމަށް ލަފާ ކުރެވެނީ 39.55 ބިލިއަން ރުފިޔާގައެވެ.

މީގެެ ތެރެއިން ޖުމުލަ ހަރަދަކީ 37 ބިލިއަން ރުފިޔާ ކަމަށް ފިނޭންސް މިނިސްޓްރީން މައުލޫމާތުދެއެވެ.

އަންނަ އަހަރު ދައުލަތުގެ ބޭސްލައިން ރިކަރަންޓް ހަރަދުގެ ގޮތުގައި 20 ބިިލިއަން ރުފިޔާ ހޭދަ ވާނެ ކަމަށް ލަފާކުރެވޭއިރު، ބޭސްލައިން ކެޕިޓަލް ހަރަދުގެ ގޮތުގައި ހޭދަވާނެ ކަމަށް ބެލެވެނީ 11.7 ބިލިއަން ރުފިޔާކަމަށްވެސް ފިނޭންސް މިނިސްޓްރީގެ އަންދާޒާ ތަކުން ދައްކައެވެ.

މީގެ އިތުރުން 2020 ވަނަ އަހަރު ބޭސްލައިން އާމްދަނީގެ ގޮތުގައި 21 ބިލިއަން ރުފިޔާ ލިބޭނެ ކަމަށްވެސް ފިނޭންސް މިނިސްޓްރީން އަންދާޒާކުރެއެވެ.

އަންނަ އަހަރު 39.55 ބިލިއަން ރުފިޔާގެ ބަޖެޓެއް އަންދާޒާކޮށްފައިވާއިރު، މިއަހަރުގެ ބަޖެޓަކީ 30 ބިލިއަން ރުފިޔާއެވެ.

2020 ވަނަ އަހަރު އަލަށް ތައާރަފުކުރާ ސިޔާސަތުތައް ނުވަތަ އަލަށް ފަށާ މަޝްރޫއުތަކާއި ރިކަރަންޓް ޕްރޮގްރާމްތަކަށް 5.5 ބިލިއަން ރުފިޔާ ހޭދަވާނެކަމަށް ވެސް ފިނޭންސް މިނިސްޓްރީން ލަފާކުރެވެއެވެ.