ޚަބަރު

ރިސޯޓުތަކުގައި ފުރައްސާކުރުންތައް ރިޕޯޓުކުރަން ކޮމިޓީއެއް އުފައްދައި، ރިސޯޓުތަކަށް ފެރީގެ ހިދުމަތް ފަށަނީ

މަރިޔަމް ޝަހުދާ

ރިސޯޓުތަކުގައި ފުރައްސާކުރުންތައް ރިޕޯޓުކުރަން ކޮމިޓީއެއް އުފައްދައި، ރިސޯޓުތަކަށް ފެރީގެ ހިދުމަތް ފެށުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އަލީ ވަހީދު މިހެން ވިދާޅުވެފައި ވަނީ ސްޕެއިންއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި ފުރާވަޑައިގަތުމުގެ ކުރިން މިއަދު ހަވީރު ނޫސްވެރިންނާ ބައްދަލުކުރައްވައި މައުލޫމާތުދެއްވަމުންނެވެ. އެގޮތުން މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި އަންހެން މުވައްޒަފުން އިތުރު ކުރުމުގެ ގޮތުން މިހާރުން މިހާރަށް ކުރެވެން ހުރި މަސައްކަތްތަކާއި އަންހެނުން މި ސިނާއަތަށް ނުކުތުމުގައި ހުރި ހުރަސްތައް ނައްތާލުމަށް ސްޓޭކް ހޯލްޑަރުންނާއެކު މަޝްވަރާ ކުރަން ފަށާފައިވާ ކަމަށެވެ.

މިކަމުގެ ތެރެއިން ކޮންމެ ރިސޯޓެއްގައި ހެރޭސްމަންޓް ކޮމިޓީއެއް ނުވަތަ ހެރޭސްމަންޓް ރިޕޯޓު ކުރެވޭނެ އިންތިޒާމެއް ހަމަޖެއްސުމާ ގުޅޭގޮތުން މަޝްވަރާ ކުރަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި މި ބަދަލާއެކު އަންހެނުންނަށް ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ނިކުތުމަށް އިތުރު ހިތްވަރެއް ލިބިގެން ދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

''ކޮންމެ ރިސޯޓެއްގައިވެސް ހެރޭސްމަންޓް ކޮމިޓީއެއް ނުވަތަ ރިޕޯޓު ކުރެވޭނެ އިންތިޒާމެއް ހަމަޖައްސަން. މީގެ ބޭނުމަކީ ރިސޯޓުތަކަކީ ނުވަތަ މި ސިނާއަތަކީ، ފިރިހެން ކުދިން ވިޔަސް އަންހެން ކުދިން ވިޔަސް އެމީހުންގެ ހައްގުތައް ކަށަވަރުވެގެން އެމީހުންނަށް އުޅެން ފަސޭހަ، ސޭފް މާހައުލެއްކަން ކަށަވަރުކޮށްދިނުން.''

ސަރުކާރުގެ ބޮޑު ވައުދެއް ކަމަށްވާ، ރިސޯޓް މުވައްޒަފުން ނިދަން އެނބުރި ރަށަށް، އަމިއްލަ އަނބިދަރިން ގާތަށް އައުމުގެ މަގު ފަހިކޮށްދިނުމަށްވެސް މިހާރު މަސައްކަތް ކުރަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެގޮތުން މިހާރު މިކަމާ ގުޅޭ ގޮތުން މަޝްވަރާ ބައްދަލުވުންތައް ކުރިއަށް ގެންދިއުމަށް މަޓީއަށް ދައުވަތު ދީފައިވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ އަމާޒަކީ އަންނަ އަހަރު ރިސޯޓު މުވައްޒަފުންނަށް ހާއްސަ ފެރީ ނިޒާމެއް ފެށުން ކަމަށެވެ. އެގޮތުން އަންނަ އަހަރުގެ ކުރީ ކޮޅަށް މިކަން ކުރިއަށްގެންދާނެ އުސޫލެއް ނުވަތަ ގަވައިދެއް އެކުލަވާލުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި މިކަން ކުރިއަށްގެންދާނީ އިންޑަސްޓްރީގެ ބައިވެރިވުމާއި ހިޔާލާއެއްގޮތުގެ މަތީން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

''އިރާދަކުރެއްވިއްޔާ އަންނަ އަހަރު މެއި މަހުގެ ކުރިން އެޗީވް ކުރަން ހާއްސަކުރާ ކުރާ ޓާގެޓުތެރޭގައި މި ވެގެން ދާނީ ދިވެހިރާއްޖޭގެ ޓުއަރިޒަމް ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންނަށް ސަރުކާރުން ވީވައުދާއި އެއްގޮތަށް ލިބިގެންދާނެ އެންމެ ބޮޑު ހަދިޔާއަކަށް. އިރާދަކުރެއްވިއްޔާ އިންޑަސްޓްރީގެ ބައިވެރިވުމާއި ހިޔާލާ އެއްކޮށް މިކަން މިއަންނަ އަހަރުގެ މެއި މަހުގެ ކުރިން މިކަން ތަންފީޒު ކުރަން ފަށާނަން.'' މިނިސްޓަރު ވިދާޅުވިއެވެ.