ޝަހީދާ އަބްދުﷲ ސައީދު
ރާއްޖޭގެ ރައްޔިތުންގެ އުންމީދުތައް ވަނީ ޖަޒީރާ ރާއްޖެއާއެކު ކަމަށާއި، ޖަޒީރާ ރާއްޖެ ކުރިއަށް ދިއުމަށް، ގާނޫނަށް ގެންނަންޖެހޭ ބަދަލުތައް ގެންނާނެ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އަދި ޓްރާންޝިސަން ކޮމެޓީގެ ޗެއާ މުހައްމަދު ޝިހާބު ވިދާޅުވެއްޖެއެވެ.
ޓްރާންޝިސަން ކޮމެޓީން މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޝިހާބު ވިދާޅުވީ ޖަޒީރާ ވަންތަކަމުގައި ރާއްޖެ އޮންނަން ޖެހޭ ކަމަށާއި، އެގޮތުގައި އޮތުމަށް ލާމަރުކަޒީ ގާނޫނަށް ބަދަލު ގެންނަންޖެހޭ ކަމަށެވެ. އަދި އައު ސަރުކާރުގެ މިނިސްޓްރީތައް އެކުލަވާލައި މިނިސްޓްރީތަކުގެ ތެރެއިން ގެންނަންޖެހޭ ބަދަލުތައް ވެސް ގެންނާނެ ކަމަށް ވިދާޅުވިއެވެ.
ޝިހާބު ވިދާޅުވި ގޮތުގައި ފާއިތުވެ ދިޔަ ފަސް އަހަރުގެތެރޭގައި ސަރުކާރުން ވަނީ ލާމަރުކަޒީ ގާނޫނާއި ޚިލާފުވެފައެވެ. އެގޮތުން ރަށްރަށުގެ ކައުންސިލަރުން މުސާރައާއި އިނާޔަތްތައް ނުދީ ސަސްޕެންޑް ކުރުމުން ކައުންސިލްތަކުގެ ބައްދަލުވުންތައް ނުބޭއްވި، ލިޔެކިއުންތަކުގައި ސޮއި ނުކުރެވި، މަސައްކަތްތައް ހުއްޓިގެން ދިޔަކަމަށް ޝިހާބު ވިދާޅުވިއެވެ.
އަދި ކައުންސިލުތަކުގައި ތިން ކައުންސިލަރުން ތިބޭއިރު، ކުއްލި ހާލަތެއް މެދުވެރިވެގެން ކައުންސިލަރަކު ރަށުން ބޭރަށް ހިނގައްޖެނަމަ، އެ ހިސާބުންވެސް ކައުންސިލުގެ މައްސަކަތްތައް ހުއްޓިގެންދާ ކަމަށާއި، އެކަންކަން ހައްލުކުރުމަށް އައު ސަރުކާރުން ރަނގަޅު ގޮތްތަކެއް ހަމަޖައްސައި ދެއްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.
އަދި ޖަޒީރާ ރާއްޖެ ވަންތަކަން އެންމެ ބޮޑަށް ކުރިއަރާނީ ކައުންސިލުތަކާއި ސިޓީ ކައުންސިލުތައް ބާރުވެރިކޮށްގެން ކަމަށާއި، އެ ބާރުތައް ކައުންސިލުތަކަށް އަންނަ ސަރުކާރުގައި ލިބިގެންދާނެ ކަމަށް ޝިހާބު ވިދާޅުވިއެވެ. އަދި ރާއްޖޭގައި ވެރިކަން ކުރަންޖެހޭނީ ލާމަރުކަޒީ ގާނޫނުގެ ދަށުން ކަމަށާއި، ލާމަރުކަޒީ އުސޫލުން ވެރިކަން ކުރުމަށް އެންމެ ފުރަތަމަވެސް އެލްޖީއޭއަށް މުވައްޒަފުން އިތުރުކުރަންޖެހޭ ކަމަށްވެސް ޝިހާބު ވިދާޅުވިއެވެ.