ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުން ސީރިއާގެ ހުރިހާ ސަރަހައްދަކީ ހަނގުރާމަވެރި ސަރަހައްދެއްގެ ގޮތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކަނޑައަޅުއްވައިފިއެވެ.
މީގެ ކުރިން ޓެރަރިސްޓް ޖަމާއަތްތަކުގެ ލިސްޓެއް ކަނޑައެޅި ނަމަވެސް، މިއީ ހަނގުރާމަވެރި ސަރަހައްދެއް ކަނޑައަޅައި އާންމު ކުރި ފުރަތަމަ ފަހަރެވެ. ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ 18 ވަނަ މާއްދާގެ ދަށުން ގައުމީ ސަލާމަތާބެހޭ މަޖިލީހުގެ މަޝްވަރާގެ މަތިން ޓެރަރިސްޓް ޖަމާއަތްތަކާއި ހަނގުރާމަވެރި ސަރަހައްދުތަކުގެ ލިސްޓެއް ރައިސުލްޖުމްހޫރިއްޔާ އެކުލަވާލަންޖެހެއެވެ.
މީގެ އިތުރުން މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި 17 ޖަމާއަތެއް ހިމަނައިގެން މި ސަރުކާރުން އެކުލަވާލައި ޓެރަރިސްޓް ޖަމާއަތްތަކުގެ ލިސްޓަށް ރައީސުލްޖުމްހޫރިއްޔާ ވަނީ އިތުރު ދެ ޖަމާތެއް އިތުރުކޮށްފައެވެ. އެ ދެ ޖަމާއަތަކީ ހައިއަތު ތަހްރީރް އަލް ޝާމް އާއި ހުއްރާސް އައް ދީން ކިޔާ ދެ ޖަމާއަތެވެ.
މުޅި ސީރިއާއަކީ ހަނގުރާމަވެރި ސަރަހައްދެއްގެ ގޮތުގައި ރައީސް ކަނޑައެޅުއްވިއިރު، ދިވެހިންގެ ބަޔަކު ވަނީ ސީރިއާގައި ހިނގަމުންދާ ދާހިލީ ހަނގުރާމާގައި ބައިވެރިވުމަށް އެ ގައުމަށް ގޮސްފައެވެ. އަދި އޭގެ ތެރެއިން ބައެއް މީހުން ވަނީ އެ ހަނގުރާމާގައި މަރުވެފައެވެ.
ޓެރަރިޒަމް މަނާކުރުމުގެ ބިލަށް ގެނައި ބަދަލާއެކު އެ ބިލުގައި ޓެރަރިޒަމްގެ އަމަލުތައް ކަޑައަޅައި އެފަދަ އަމަލުތަކަށް ބޮޑެތި އަދަބުތަކެއްވަނީ ކަނޑަ އަޅައިފައެވެ.
އެގޮތުން ހަނގުރާމައަށްދާ މީހެއްގެ އަދަބަކީ ނުވަ އަހަރާއި 12 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ކަމަށާއި ހަނގުރާމަވެރި ސަރަހައްދަށް ދިއުން ނުވަތަ އެފަދަ ސަރަހައްދެއްގައި ހުރުމަކީ ވެސް ކުށެއް ކަމަށާއި، އެފަދަ ކުށެއް ކުރާ މީހެއްގެ އަދަބަކީ ފަސް އަހަރާއި ހަތް އަހަރާ ދެމެދުގެ އަދަދަކަށް ޖަލަށްލުން ކަމަށް ބިލުގައި ބުނެފައިވެއެވެ.
އަދި ހަނގުރާމައަށް ދާން އުޅުމާއި އެ ކުށް ކުރުމަށް އެހީތެރިވުމާއި އެ ކުށް ކުރުމުގައި އެއްވެސް ސިފައެއްގައި ބައިވެރިވެއްޖެނަމަ ފަސް އަހަރާއި ހަތް އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމަށް ވެސް ބިލުގައި ކަނޑައަޅާފައިވެއެވެ.