ޚަބަރު

ނަސްރުގެ ދުވަހާ ގުޅިގެން އިދިކޮޅުން ބާއްވަން އުޅުނު އެއްވުމަށް ކާނިވާ ސަރަހައްދެއް ނުދިން

ޝަހީދާ އަބްދުﷲ ސައީދު

ނަސްރުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ''ބަޑި ބުރާސްފަތި''ގެ ނަމުގައި އިދިކޮޅު ފަރާތްތަކުން ބާއްވަން ނިންމި އެއްވުމަށް ކާނިވާ ސަރަހައްދު ދެވެން ނެތް ކަމަށް ހައުސިން މިނިސްޓްރީން އަންގައިފިއެވެ.

އިދިކޮޅު ކޯލިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީއެންސީގެ ނައިބު ރައީސް އަދި ބާރަށު ދާއިރާގެ ކުރީގެ މެންބަރު އިބްރާހީމް ޝުޖާއު ވިދާޅުވީ، ނޮވެންބަރު ތިނެއްގެ އުދުވާނީ ހަމަލާއާ ގުޅިގެން އަންނަ ހޮނިހިރު ދުވަހުގެ ރޭ އިދިކޮޅު ފަރާތްތަކުން ކާނިވާ ސަރަހައްދުގައި އެއްވުމެއް ބާއްވަން ހައުސިން މިނިސްޓްރީއަށް މީގެ ތިން ދުވަސް ކުރިން ލިޔުމުން ހުށަހެޅި ކަމަށެވެ.

ނަމަވެސް އެއްވުން ބާއްވަން ކާނިވާ ސަރަހައްދު ދެވެން ނެތްކަން މިއަދު ހަވީރު ހައުސިން މިނިސްޓްރީގެ ސިޓީއަކުން އަންގާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް އަންނަ ހޮނިހިރު ދުވަހު އެއްވުން އޮންނާނެ ކަމަށާއި އެ އެއްވުން ބާއްވާނީ ޕީޕީއެމްގެ އޮފީސް ކުރިމަތީގައި ކަމަށް ވިދާޅުވިއެވެ.

''މިއަދު ހަވީރު ހައުސިން މިނިސްޓްރީން ސިޓީއަކުން އަންގާފައިވަނީ އެއްވުން ބާއްވަން ކާނިވާ ސަރަހައްދު ދެވެން ނެތް ކަމަށް. އެހެންވީމަ ޕީޕީއެމްގެ އޮފީސް ކުރިމަތީގައި އެއްވުން ބާއްވަން ނިންމީ. މިއެއްވުމުގައި ނޮވެންބަރު ތިނެއްގެ އުދުވާނުގެ ނަންތައް ހާމަކުރާނަން. ސަރުކާރަކަށް ހަޖަމެއް ނުވާނެ އަޑުއަހާކަށް, އެއްވުން ބަލާކަށް ހިތްވަރެއް ނުހުންނާނެ. އެދުވަސް ގުޅިލާމެހިފައިވަނީ މިއަދުގެ ވެރިކަމުގެ އެންމެ މައްޗަށް,'' ޝުޖާއު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެއްވުމުގެ މިނިވަންކަން ހަނިކޮށްފައިވާ ކަމަށް ބުނެ އެ މިނިވަންކަން ފުޅާކުރަން ވައުދު ވެގެން ވެރިކަމަށް އައި ސަރުކާރަށް ނޮވެންބަރު ތިނެއްގެ އުދުވާނާ ގުޅޭ އެއްވުން ބާއްވަން ކާނިވާ ސަރަހައްދު ދޭން ނުކެރުނުކަމީ ލަދުވެތިވާންޖެހޭ ކަމެއް ކަމަށެވެ. އަދި ފަހުގެ ތާރީހެއްގައި ރާއްޖެދުށް އެންމެ އަނިޔާވެރި އެ ޓެރަރިސްޓް ހަމަލާ، ސަރުކާރުން ފިނި ގޮތަކަށް ދެކެމުންދާ ކަމަށް ވިދާޅުވިއެވެ.

ނަމަވެސް ޕީޕީއެމްގެ ސަރުކާރުގައި ނަސްރުގެ ދުވަސް ވަރަށް ކުލަގަދަކޮށް ފާހަގަކުރިކަން ފާހަގަކުރައްވާ ޝުޖާއު ވިދާޅުވީ، މިއަދު އިދިކޮޅުގައި ތިބެގެން ވެސް ނަސްރުގެ ދުވަސް ކުލަގަދަކޮށް ފާހަގަކުރާނެ ކަމަށާއި އެ ދުވަަހު ގައުމަށްޓަކައި ޝަހީދުވެގެން ދިޔަ ދިވެހިންގެ ޒިކުރާ އަބަދު ވެސް އާ ކުރާނެ ކަމަށެވެ.

އިދިކޮޅު ފަރާތްތަކުން ކާނިވާ ސަރަހައްދުގައި އެއްވުން ބާއްވަން ހައުސިން މިނިސްޓްރީން ހުއްދަ ނުދިން ކަމަށް ޝުޖާއު ވިދާޅުވިއިރު، އެއްވުން ބޭއްވުމުގެ ކުރިން ފުލުހުންގެ ހުއްދަ ހޯދަންޖެހެއެވެ.

ނަމަވެސް ފުލުހުން މިއަދު ބުނީ އިދިކޮޅު ފަރާތްތަކުން ވަކި ސަރަހައްދެއްގައި އެއްވުން ބާއްވަން ފުލުހުންނަށް ހުއްދައަށް އެދިފައި ނުވާ ކަމަށެވެ. ނަމަވެސް ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނީ ހަމަތަކުގެ ތެރެއިން އެއްވުން ބޭއްވުމަށް ފުލުހުންގެ ފަރާތުން ލިބެންވާ އެއްބާރުލުން އަބަދުވެސް ދޭނެ ކަމަށް ބުނެފައިވެއެވެ.