ރާއްޖެއަށް ޒިޔާރަތްކުރާ ޗައިނާ ފަތުރުވެރިންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ރާއްޖޭގެ ކަމާބެހޭ އެކި އިދާރާތަކުގެ މެދުގައި ބާއްވާ ތިންވަނަ ބައްދަލުވުން މިއަދު ބާއްވައިފިއެވެ.
މި ބައްދަލުވުމަކީ ޗައިނާގެ ރައީސް ޝީ ޖިންގް ޕިންގް 2014 ވަނަ އަހަރު ރާއްޖެއަށް ކުރެއްވި ދަތުރުފުޅެއްގައި ދެގައުމުގެ ދެމެދު ސޮއިކުރި މެމޮރަންޑަމްގެ ދަށުން ބާއްވަމުން އަންނަ މި ބައްދަލުވުމަކީ ރާއްޖެއަށް ޒިޔާރަތްކުރާ ޗައިނާގެ ފަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމާބެހޭ ގޮތުން ކަމާއި ގުޅުން ހުރި އިދާރާތަކުގެ މެދުގައި މަޝްވަރާކުރުމަށް ބާއްވާ ބައްދަލުވުމެކެވެ.
ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ބައިވެރިވެ ވަޑައިގެން ޝެރަޓަން ފުލްމޫން ރިސޯޓުގައި މިއަދު ބޭއްވި މިއަހަރުގެ ބައްދަލުވުން ފައްޓަވައިދެއްވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަ ސަފީރު ޒަންގް ލިޒޮންގްއެވެ.
މި ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ޝާހިދު ވިދާޅުވީ މިފަދަ ބައްދަލުވުމެއްގެ ސަބަބުން ފަތުރުވެރިންގެ ރައްކާތެރިކަން ކަށަވަރު ކުރަން ހުރި ގޮންޖެހުންތައް ދެނެގަނެވި، އެކަންކަން ހައްލު ކުރާނެ ގޮތްތައް މަޝްވަރާކޮށް، ޗައިނާގެ ފަތުރުވެރިންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ކަމާބެހޭ އިދާރަތްތަކުގެ މެދުގައި މަޝްވަރާ ކުރުމަށް ފަސޭހަވެގެން ދާނެ ކަމަށެވެ.
އެގޮތުން މިހާތަނަށް ބޭއްވި ބައްދަލުވުން ތަކުގައި ކުރެވުނު މަޝްވަރާތަކުން ރަނގަޅު ނަތީޖާތަކެއް ނެރެވިފައިވާ ކަމަށް ވިދާޅުވެ މިނިސްޓަރު ވަނީ، ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް މިހާރުގެ ސަރުކާރުން ދެއްވާ އަހައްމިއްޔަތުކަން ފާހަގަކުރައްވައިފައެވެ.
މި ބައްދަލުވުމުގައި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވަނީ އެ މިނިސްޓްރީން ކުރަން ރާވާފައިހުރި ބައެއް ކަންކަމަށާއި ފަތުރުވެރިކަމުގެ ސްޓްރެޓިޖިކް ޕުލޭނަށް އަލިއަޅުއްވާލައިފައެވެ.
ޗައިނާ އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަ ސަފީރު ޒަންގް ލިޒޮންގް ވިދާޅުވީ މި ބައްދަލުވުމުގެ ސަބަބުން ފަތުރުވެރިންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ކުރަމުން އަންނަ މަސައްކަތަށް އިތުރު ކުރިއެކުމެއް ލިބޭ ކަމަށެވެ. އަދި ޗައިނާ އިން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ރައްކާތެރި މާހައުލެއް ގާއިމް ކުރުމަށް ދިވެހި ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކަށް ފާހަގަކުރައްވާ ޝުކުރު އަދާކުރެއްވިއެވެ.
މިއަދު ހެނދުނު ކުރިއަށް ދިޔަ އެ ބައްދަލުވުމުގެ ޔައުމިއްޔާގައި ސޮއި ކުރައްވާފައިވަނީ ސަފީރު ޒަންގް ލިޒޮންގްގެ އިތުރުން ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ހަލީލެވެ.