ތިން ރަށެއްގައި އަޅާ މިސްކިތުގެ ބިންގާ އަޅައިފިއެވެ.
މިއަދު ބިންގާ އަޅާފައިވަނީ ރ. ވާދޫ އާއި ނ. މަގޫދޫ އަދި އެ އަތޮޅު ލަންދޫގައި އަޅާ މިސްކިތުގެ ބިންގާއެވެ. މި ތިން މިސްކިތުގެ ބިންގާ ވެސް އަޅުއްވައިދެއްވީ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރެވެ.
މި ތިން މިސްކިތުގެ ތެރެއިން ވާދޫގައި އިމާރާތްކުރާ މިސްކިތުގެ މަސައްކަތް ހަވާލުކުރީ އަސްކޮން ބިލްޑާސް ޕްރައިވެޓް ލިމިޓެޑާއެވެ. ޖުމްލަ 150 ދުވަސްތެރޭގައި މަސައްކަތް ނިންމާގޮތަށް އެކުންފުންޏާ ހަވާލުކުރީ 4.4 މިލިއަން ރުފިޔާ އަށެވެ. މި މިސްކިތަކީ އެއްފަހަރާ 300 މީހުންނަށް ނަމާދުކުރެވޭ ގޮތަށް އިމާރާތްކުރާ މިސްކިތެކެވެ.
ލަންދޫގައި އިމާރާތްކުރާ މިސްކިތަކީ 4.5 މިލިއަން ރުފިޔާއަށް މެރިސް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏަކާ ހަވާލުކޮށްގެން އިމާރާތްކުރާ މިސްކިތެކެވެ. ޖުމްލަ 500 މީހުންނަށް އެއްފަހަރާ ނަމާދު ކުރެވޭ ގޮތަށް އެ މިސްކިތުގެ މަސައްކަތް ނިންމަން ހަވާލުކުރީ 210 ދުވަހުގެ ތެރޭގައެވެ.
މަގޫދޫގައި އަޅާ މިސްކިތުގެ މަސައްކަތް ހަވާލުކުރީ ހައިމަން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއެވެ. އެ މަސައްކަތް އެ ކުންފުންޏާ ހަވާލުކުރީ 4.2 މިލިއަން ރުފިޔާއަށް 165 ދުވަސް ތެރޭގައި މަސައްކަތް ނިންމާ މިނިސްޓްރީއާ ހަވާލުކުރާ ގޮތަށެވެ. މަގޫދޫގައި އިމާރާތްކުރަނީ 300 މީހުންގެ ޖާގައިގެ މިސްކިތެކެވެ.