ޚަބަރު

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ފިޔާޒު އައްޔަނު ކުރައްވައިފި

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ހުސައިން ފިޔާޒު މޫސާ، ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވައިފިއެވެ.

ރައީސް އޮފީހުގައި މިއަދު މެންދުރު ބޭއްވި ރަސްމިއްޔާތެއްގައި ފިޔާޒަށް މަގާމުގެ ލިޔުން ހަވާލުކޮށްދެއްވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ފިޔާޒު އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން ރުހުން ދިނީ މިމަހުގެ 21 ވަނަ ދުވަހު ބޭއްވި މަޖިލީހުގެ ޖަލްސާގައެވެ. އެޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 72 މެންބަރުންގެ އިއްތިފާގުންނެވެ. ފިޔާޒުގެ އިތުރުން ކޮމިޓީން ދިރާސާކުރީ، އިލެކްޝަންސް ކޮމިޝަންގެ ކުރީގެ މެންބަރު އަހުމަދު ފަޔާޒާއި، އަހުމަދު އާހިދު ރަޝީދުގެ ނަމެވެ.

ހުސްވެފައިވާ އިންފޮމޭޝަން ކަމިޝަނަރުގެ މަގާމަށް ބޭފުޅަކު އައްޔަންކުރެއްވުމަށް އެކަމަށް ކުރިމަތިލެއްވި ނުވަ ބޭފުޅެއްގެ ނަން ރައީސުލްޖުމްހޫރިއްޔާ، ރައްޔިތުންގެ މަޖިލީހަށް ފޮނުއްވެވިއެވެ. މި ނަންތަކުގެ ތެރެއިން ރައީސް އިސްކަންދެއްވާފައިވާ ތަރުތީބުން ހަތަރު ބޭފުޅަކާ ކޮމެޓީން އިންޓަވިއު ކުރިއެވެ.

ކޮމެޓީން އިންޓަވިއުކުރީ ހުސައިން ފިޔާޒު މޫސާ އާއި އަހުމަދު ފަޔާޒާއި، އަހުމަދު އާހިދު ރަޝީދުގެ އިތުރުން ފާތިމަތު ސައުޝަން އާ އެވެ.

ހުސައިން ފިޔާޒު މޫސާ އާއި އަހުމަދު ފަޔާޒާއި، އަހުމަދު އާހިދު ރަޝީދުގެ ނަން ކޮމިޓީން މަޖިލީހުގެ ތަޅުމަށް ފޮނުވީ އިންޓަވިއުއަށްފަހު ފާތިމަތު ޝައުޝަންގެ ނަން އުނި ކުރުމަށްފަހުގަ އެވެ.

ރާއްޖެ ޓީވީގެ ސީއީއޯގެ މަގާމުވެސް އަދާކުރައްވާފައިވާ ފިޔާޒުވަނީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ އަހަރުތަކެއް ވަންދެން މަސައްކަތް ކުރައްވާފައެވެ.

އިންފޮމޭޝަން ކޮމިޝަނަރަކީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ 44 ވަނަ މާއްދާގެ ދަށުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި، މަޖިލީހުން ރުހުން ދިނުމުން ފަސް އަހަރުގެ މުއްދަތަކަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ މަގާމެކެވެ.