ޚަބަރު

އާއްމު ސިއްހަތުގެ މަހާސިންތާއެއް އަންނަ ހޯމަ ދުވަހު ބާއްވަން ނިންމައިފި

ޝަހީދާ އަބްދުﷲ ސައީދު

އާއްމު ސިއްހަތަށް ހާއްސަ ކޮށްގެން އަންނަ ހޯމަ ދުވަހު މަހާސިންތާއެއް ބާއްވަން ހެލްތު މިނިސްޓްރީން ނިންމައިފިއެވެ.

ހެލްތު މިނިސްޓްރީން މިއަދު ބުނީ، އެ މަހާސިންތާއަކީ ދުޅަހެޔޮ ސިއްހަތަކަށް ރައްޔިތުން ވާސިލުކޮށްދިނުމަށްޓަކައި އާއްމު ސިއްހަތުގެ ރޮނގުން ކުރިއެރުން ގެންނަންޖެހޭ ކަންކަން ފާހަގަކުރުމަށް ސަރުކާރުގެ އެކި ދާއިރާތަކާއި މުޖުތަމައު ތަމްސީލު ކުރާ ފަރާތްތަކާއި ތައުލީމީ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކާއި އަދި އަމިއްލަ ފަރާތްތައް ބައިވެރިވެގެން ކުރިއަށް ގެންދާ މަހާސިންތާއެއް ކަމަށެވެ.

މިނިސްޓްރީން މައުލޫމާތުދިން ގޮތުގައި މައިގަނޑު ފަސް ތީމަކަށް އެކުލަވާލެވިފައިވާ މި މަހާސިންތާގައި މަޝްވަރާ ކުރާނީ، ދުޅަހެޔޮ ސިއްހަތަކަށް އެންމެންގެ ބައިވެރިވުމާއި ސަރުކާރުގެ އެކިއެކި މުއައްސަސާތަކާއި އެކި ދާއިރާތަކުގެ މަސައްކަތްތަކާއި ސިޔާސަތުތައް ސިއްހަތަށް ބެލިފައިވުމާއި މުޖުތަމައުގެ ބައިވެރިވުމުގެ މައްޗަށެވެ.

އެގޮތުން ސިއްހީ ދާއިރާގެ ކަންކަން އާއްމު ސިއްހަތަށް އިސްކަން ދެވޭގޮތަށް ރާވާފައިވުމާއި ސިއްހީ ދާއިރާގެ ތަފާތު ފަންނުވެރިން ހިދުމަތް ދިނުމުގައި ސިއްހަތު ރައްކާތެރި ކުރުމުގެ ކަންކަމަށް ބެލުމާއި ހިދުމަތުގެ ހުރިހާ ހިސާބެއްގައި އާއްމު ސިއްހަތަށް ބެލުމުގެމައްޗަށެވެ.

އޭގެއިތުރުން އާއްމު ސިއްހަތުގެ މަސައްކަތްތަކަށް އިންސާނީ ވަސީލަތް އެކަށީގެންވާގޮތުގައި ބައްޓަން ކުރުމާއި އެ އިރެއްގައި އޮންނަ ސިއްހީ ބޭނުންތަކާ އެއްގޮތަށް ހަރުދަނާ ކުރުމާއި އުފެއްދުމާއި އާއްމު ހޭލުންތެރިކަން އިތުރުވުމުގެ ތަފާތު ގޮތްތަކާއި ޒަމާނާ ގުޅޭގޮތުން މައުލޫމާތު ފޯރުވައި ދިނުމާއި އާއްމު ސިއްހަތުގެ ސިޔާސަތާއި އާއްމު ސިއްހަތަށް ހޭދަކުރުމާއި އާއްމު ސިއްހަތަށް ހޭލުންތެރިވުމަށާއި މައުލޫމާތު ފޯރުކޮށްދިނުމަށް ކުރާ ހޭދަ އިތުރުކުރުމަށް ބާރުއެޅުމުގެ މައްޗަށް މަ މި މަހާސިންތާގައި މަޝްވަރާކުރާނެ ކަމަށް ހެލްތުން ބުނެ އެވެ.

ހެލްތު މިނިސްޓްރީން މައުލޫމާތުދިން ގޮތުގައި ސަރުކާރާއި އަމިއްލަ ފަރާތްތަކާއި އާއްމު މީހުންގެ ޖީބުން ސިއްހަތަށް ކުރާ ހޭދައިގެ ނިސްބަތުން އާއްމު ސިއްހަތަށް ކުރާ ހޭދައަކީ ގާތްގަނޑަކަށް 1.4 އިންސައްތަކަން ފާހަގަކޮށް ރައްޔިތުންގެ ދުޅަހެޔޮކަމަށް އެކަށީގެންވާ ގޮތެއްގައި ހޭދަ އިތުރު ކުރުމާ ގުޅޭ ގޮތުންވެސް މަޝްވަރާކުރާނެއެވެ. އިސްކޮޅާ އަޅައިބަލާއިރު ބަރުދަން މަތީ، އާބާދީ އަކީ އަންހެނުންގެ 50 އިންސައްތަ އަދި ފިރިހެނުން 35 އިންސައްތަ ކަމަށާއި މިއީ ސިއްހަތު ރައްކާތެރިކުރަން އިސްކަންދޭންޖެހޭކަން އަންގައިދޭ މިންގަނޑެއް ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

މި މަހާސިންތާގައި ބައިނަލް އަގުވާމީ މާހިރުންނާއި ރާއްޖޭގެ ކަމާބެހޭ ފަންނީ މާހިރުން ވާހަކަ ދައްކަވާނެއެވެ. ހަމަ އެއާއެކު ދުޅަހެޔޮ ސިއްހަތަކަށް މޯޓިވޭޓް ވާނެ ގޮތްތަކާބެހޭގޮތުން މައުލޫމާތު ލިބި، އާއްމު ސިއްހަތާއިބެހޭ މަގުޗާޓެއް މަހާސިންތާގައި އެކުލަވައިލާނެއެވެ.