ޖުޑީޝަލް ސާވިސް ކޮމިޝަން

ވަކީލަކު ހަމަޖައްސަން ފަނޑިޔާރު އާދަމް މުހައްމަދަށް ފަހު ފުރުސަތު ދިނުމަށްފަހު، އަންނަ މަހު އަޑުއެހުމެއް ބާއްވަނީ

ޝަހީދާ އަބްދުﷲ ސައީދު

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ އަށް ގާނޫނީ ވަކީލަކު ހަމަޖައްސަން ފަހު ފުރުސަތު ދިނުމަށްފަހު، އަންނަ ހޯމަ ދުވަހު ތަހުގީގުގެ އަޑުއެހުމެއް ބާއްވަން ޖޭއެސްސީގެ ތަހުގީގު ކޮމެޓީން ނިންމައިފިއެވެ.

ތަހުގީގު ކޮމެޓީން އެގޮތަށް ނިންމީ ފަނޑިޔާރު އާދަމް މުހައްމަދާ ގުޅޭގޮތުން ޖުޑީޝަލް ސާވިސް ކޮމިޝަނުން ބަލަމުން އަންނަ ސުލޫކީ މައްސަލައާ ގުޅިގެން މިއަދުގެ އަޑުއެހުމަށް ގާނޫނީ ވަކީލު ވަޑައިނުގަތުމާއި ގުޅިގެން ވަކީލަކު ހަމަޖައްސަން ފުރުސަތު ދިނުމަށް އެދިވަޑައިގަތުމުންނެވެ.

އިއްޔެ ބޭއްވި އަޑުއެހުމުގައި ފަނޑިޔާރު އާދަމްގެ ގާނޫނީ ވަކީލެއްގެ ގޮތުގައި ވަޑައިގަތީ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދާއި އަހުމަދު މާޖިދެވެ. ނަމަވެސް މައްސަލަ ބަލާ ޖޭއެސްސީގެ ކޮމިޓީން ނިންމީ ޖަމީލު ހުށަހަޅުއްވާފައިވާ ދުސްތޫރީ މައްސަލައެއްގެ ފަނޑިޔާރެއްގެ ގޮތުގައި ފަނޑިޔާރު އާދަމް ހިމެނިވަޑައިގަންނަވާއިރު އެއީ މަސްލަހަތު ފުށުއަރާ ކަމެއް ކަމަށެވެ. އެގޮތުން އެ މައްސަލައިގެ ހަސްމަކު ފަނޑިޔާރު އާދަމްގެ ދިފާއީ ވަކީލެއްގެ ގޮތުގައި ހަމަޖެއްސުމަކީ ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ހިލާފު ކަމެއް ކަމަށް ކޮމިޓީން ނިންމުމާއި ގުޅިގެންނެވެ.

އިއްޔެގެ އަޑުއެހުމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ދަށުން ހިނގަމުންދިޔަ ޖުޑީޝަލް އެކަޑަމީގެ ކުރީގެ ޗާންސެލަރު އަހުމަދު މާޖިދު ވަޑައިގެން ނަމަވެސް މިއަދު އޮތް އަޑުއެހުމަށް މާޖިދު ވަޑައެއް ނުގަންނަވައެވެ.

އެކަން ފަނޑިޔާރު އާދަމަށްވެސް އަދި ޖޭއެސްސީއަށް ވެސް މާޖިދު އަންގަވާފައި ނުވާކަމަށް ކޮމެޓީން ބުންޏެވެ. އެހެންކަމުން ގާނޫނީ ވަކީލެއްގެ އެހީއާއެކު އަޑުއެހުން ކުރިއަށް ގެންދަން ބޭނުންވާތީ ފަނޑިޔާރު އާދަމް ވަނީ ވަކީލަކު ހަމަޖައްސަން ފުރުސަތު ދެއްވުމަށް އެދިވަޑައިގެންފައެވެ.

ފަނޑިޔާރު އާދަމްގެ އެ ވާހަކަތަކާ ގުޅިގެން ތަހުގީގު ކޮމެޓީގައި ހިމެނިވަޑައިގަންނަވާ، ޖޭއެސްސީގެ މެންބަރު ހިސާން ހުސެއިން ވިދާޅުވީ ޖޭއެސްސީގެ ގާނޫނަށް ގެނެސްފައިވާ އިސްލާހުން ވަކީލަކު ހަމަޖައްސަން އެންމެ މަދުވެގެން 24 ގަޑިއިރު ދޭން ޖެހޭކަމަށް ބުނެފައިވާއިރު، ފަނޑިޔާރު އާދަމް މުހައްމަދަށް 24 ގަޑިއިރަށްވުރެ އިތުރު ފުރުސަތު ދީފައިވާ ކަމަށެވެ. އެކަމަކު ވަކީލަކު ހަމަޖެއްސުމަށް ފަނޑިޔާރަށް ފަހު ފުރުސަތެއް އަރުވާކަމަށާއި އެގޮތުން ވަކީލަކު ހަމަޖައްސަން ދެވޭ އެންމެފަހު ފުރުސަތަކީ އަންނަ މަހުގެ ހަތަރު ވަނަ ދުވަހުގެ 10:30 ކަމަށް ހިސާން ވިދާޅުވިއެވެ.

މިއަދު 12:30 އަށް ތާވަލުކުރި އަޑުއެހުމަށް ފަނޑިޔާރު އާދަމް ވަޑައިގެންނެވީ ވަކީލަކާ ނުލަ އެވެ. ފަނޑިޔާރު އާދަމް ވިދާޅުވީ، އެ މައްސަލާގައި ކުރިއަށް ވަޑައިގަންނަވަން ބޭނުން ވަނީ ވަކީލަކާއެކު ކަމަށާއި އެހެންވެ އެކަމާ ގުޅޭ ގޮތުން ކަންކަން ސާފުކޮށް ދެއްވަން ބޭނުންވެވަޑައިގަންނަވާ ކަމަށެވެ. އެ ވާހަކަ ދެއްކެވުމަށް ވަރަށް އާދޭހާއެކު ފުރުސަތަކަށް އެދިވަޑައިގަންނަވާ ކަމަށް ވެސް ފަނޑިޔާރު ވިދާޅުވިއެވެ.

ނަމަވެސް ވަރަށް ކުރުކޮށް ވިދާޅުވުމަށް ކޮމެޓީގެ ރައީސް މަސްތޫރު ހުސްނީ ފަނޑިޔާރަށް އެންގެވުމުން، ފަނޑިޔާރު އާދަމް ޑރ. ޖަމީލުގެ މައްސަލާގައި ކަން ހިނގާފައިވާ ގޮތް ވިދާޅުވެ ދެއްވި އެވެ. ފަނޑިޔާރު ވިދާޅުވީ ޖަމީލު ވަކީލެއްގެ ގޮތުގައި އައްޔަން ކުރުމަށް މަސައްކަތް ފެއްޓެވީ އޭނާ ހިމެނޭ ހުރިހާ މައްސަލައަކުން ތަނާޒުލްވެ، އެކަން އުއްތަމަ ފަނޑިޔާރަށް އެންގެވުމަށްފަހު ކަމަށެވެ. އެކަން ސުޕްރީމް ކޯޓުން ޖޭއެސްސީއަށް ފޮނުވި ސިޓީއަކުން ވެސް އެނގޭނެ ކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.

އޭގެއިތުރަށް ފަނޑިޔާރު އާދަމް ވިދާޅުވީ އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވަނިކޮށް ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުﷲ ދީދީގެ ވަކީލެއްގެ ގޮތުގައި ޑރ. ޖަމީލު ވަނީ ޖޭއެސްސީން ގަބޫލުކޮށްފަ ކަމަށެވެ. އެހެންވެ ހީކުރެއްވީ އެކަމުގައި ޖޭއެސްސީން ސްޓޭންޑެއް ނަގާފައި އޮތީ ކަމަށް ފަނޑިޔާރު ވިދާޅުވިއެވެ. އެހެންކަމުން އަބްދުﷲ ދީދީގެ ވަކީލެއްގެ ގޮތުގައި ޖަމީލު ބަލައިގަނެ، އޭނާގެ ވަކީލެއްގެ ގޮތުގައި ބަލައިނުގަތުމަކީ ގާނޫނު އަސާސީން ކަށަވަރުކޮށްދޭ ހަމަހަމަ ކަމުގެ ހައްގަށް އުނިކަން އަންނަ ކަމެއް ކަމަށް ވިދާޅުވެ، ފަނޑިޔާރު އާދަމް ވަނީ ޖޭއެސްސީގެ ނިންމުން ރިވިއުކޮށް ދޭން އެދިވަޑައިގެންފައެވެ.

ފަނޑިޔާރު އާދަމްގެ ވާހަކައަށް ޖަވާބުދެއްވަމުން ހިސާން ވިދާޅުވީ ޖަމީލު ހިމެނޭ މައްސަލަތަކުން ފަނޑިޔާރު ތަނާޒުލްވެވަޑައިގެންނެވީ އަމިއްލައަށް ފުށުއަރުވައި އަމިއްލަ މަންފާއެއް ހޯއްދެވުމަށް ކަމަށެވެ. އެހެންވީއިރު އެއީ ސުލޫކީ މައްސަލައެއް ކަމަށާއި އެ ނިންމުން ރިވިއު ކުރެވެން ނެތް ކަމަށެވެ.

ހިސާންގެ އެވާހަކައަށް ޖަވާބުދާރީވެ ވަޑައިގަންނަވަމުން ފަނޑިޔާރު ވިދާޅުވީ ދެން އޮންނަ އަޑުއެހުމަކަށް ވަޑައިގަންނަވާ އިރުވެސް ވަކީލެއް ނުލިބިދާނެ ކަމަށެވެ. ނަމަވެސް ގާނޫނު އަސާސީން ލިބިދޭ ހައްގު ޖޭއެސްސީއިން ކަށަވަރުކޮށް ދޭން ޖެހޭނެ ކަމަށެވެ.

ފަނޑިޔާރު އެހެން ވިދާޅުވުމުން މަސްތޫރު ވިދާޅުވީ ފަނޑިޔާރު އާދަމް މަސައްކަތް ކުރައްވަނީ ނުބައި މަގަމުން ވަޑައިގެންނެވުމަށް ކަމަށެވެ. ޖޭއެސްސީގެ ގާނޫނީ ޒިންމާއަށް ހުރަސް އެޅޭ ގޮތަށް އަމަލު ކުރެއްވުމަކީ ހިތާމަ ކުރައްވާ ކަމެއް ކަމަށް މަސްތޫރު ވިދާޅުވިއެވެ. ފަނޑިޔާރު އާދަމް ވިދާޅުވީ އެހެން ވިދާޅުވުމުން ވަރަށް ހިތާމަކުރައްވާ ކަމަށާއި ދެން ވެސް ވަކީލަކު ހޯއްދަވަން މަސައްކަތް ކުރައްވާނެ ކަމަށެވެ. ކޮންމެ ދުވަހަކު ވެސް ގަޑިއަށް ހާޒިރުވެވަޑައިގަންނަވަނީ ޖޭއެސްސީގެ މަސައްކަތަށް ހުރަސް އަޅުއްވަން ބޭނުންވެވަޑައި ނުގަންނަވާތީ ކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.

ފަނޑިޔާރު ވާހަކަދައްކަވަމުން ގެންދަވަނިކޮށް، އެހާ ހިސާބުން މަސްތޫރު ކޮމިޓީގެ މިއަދުގެ އަޑުއެހުން ނިންމާލެއްވިކަން އިއުލާން ކުރެއްވިއެވެ. ކޮމިޓީގައި މަސްތޫރާއި ހިސާންގެ އިތުރުން ދެން ތިއްބަވަނީ ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތާއި ސިވިލް ސާވިސް ކޮމިޝަންގެ ރައީސް އަލީ ޝަމީމާއި ވަކީލުންގެ ފަރާތުން ކަނޑައެޅި މެންބަރު އަބްދުލްމާނިއު ހުސެއިނެވެ.