ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް

އުކުޅަހު ސިއްހީ މަރުކަޒުގެ ޖާގައިގެ ދަތިކަމާއި، ސުކޫލުގައި ވަސީލަތްތައް ނެތުމުގެ ދަތިކަން ނައިބު ރައީސާ ހިއްސާކޮށްފި

އއ. އުކުޅަހު ސިއްހީ މަރުކަޒުގެ ޖާގައިގެ ދަތިކަން ހައްލުކޮށްދިނުމާއި އެރަށު ސުކޫލަށް ބޭނުންވާ ވަސީލަތްތައް ނެތުމުން ދިމާވާ ދަތިތަކާއި ބެހޭ ގޮތުން އެރަށު ކައުންސިލުން ނައިބު ރައީސް ފައިސަލް ނަސީމާ ބައްދަލުކޮށްފި އެވެ.

ރައީސް އޮފީހުން މައުލޫމާތުދިން ގޮތުގައި، މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ކައުންސިލުން ރަށުގެ ތަރައްގީއަށް ރާއްވަވާފައިވާ މަސައްކަތްތަކާއި މިހާރު ކުރިއަށްދާ މަސައްކަތްތަކާއި ރަށަށް ބޭނުންވެފައިހުރި ކަންކަމުގެ މައުލޫމާތާއި ރަށުގެ ކުރިއެރުމަށްހުރި ދަތިތައް ނައިބު ރައީސް ފައިސަލް ނަސީމާ ހިއްސާކުރެއްވިއެވެ.

އެގޮތުން ކައުންސިލުން ހިއްސާކުރެއްވި ކަންތައްތަކުގެ ތެރޭގައި ރަށު ސްކޫލުގައި ގްރޭޑް 12އާ ހަމައަށް ކިޔަވައިދެމުން އަންނައިރު، ދަރިވަރުންނަށް ބޭނުންވާ ބައެއް ވަސީލަތްތައް ފޯރުކޮށްދިނުމުގައި ހުރި ދަތިތަކާއި ސިއްހީ މަރުކަޒުގެ ޖާގައިގެ ދަތިކަމާއި އަދި ރަށުގައި ކުނި މެނޭޖުކުރުމުގައި ހުރި ގޮންޖެހުންތައް ހިމެނެއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި، އުކުޅަހުގެ ޒުވާނުންނަކީ އަހުލާގީ ގޮތުން ރަނގަޅު ހެޔޮލަފާ ބައެއްގެ ގޮތުގައި މުޖުތަމައަށް ނެރުމަށާއި މަސައްކަތުގެ މާހައުލަށް އަހުލުވެރި ބަޔަކަށް ހެދުމަށްޓަކައި ސްކޫލު މާހައުލުގެ ތެރެއިން މަސައްކަތް ކުރުމުގެ މުހިއްމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައިވެއެވެ. އޭގެ އިތުރުން ރަށުގެ ރައްޔިތުންނަކީ ދީނީ ކަންކަމަށް ފަރުވާތެރިކަން ބަހައްޓާ ދީންވެރި ބަޔަކަށް ހެދުމަށްޓަކައި ކައުންސިލުން އިސްނަގައިގެން މަސައްކަތް ކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އެދިވަޑައިގެންފައިވެއެވެ.

މިބައްދަލުކުރެއްވުމުގައި އުކުޅަހު ކައުންސިލަރުން ފާހަގަކުރެއްވި މަސައްލަތައް ހައްލުކުރުމަށްޓަކައި ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާކުރައްވައިގެން އަވަސް ހައްލެއް ހޯއްދެވުމަށް މަސައްކަތް ކޮށްދެއްވާނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ކައުންސިލަރުންނަށް ދެއްވާފައެވެ.