ކުޑަކުޑަކޮށް ކާޑިއޯ ޖައްސާލި ކަމުގައިވިއަސް ނުވަތަ ހައި އިންޓެންސިވް ވޯކްއައުޓެއް ކުރި ކަމުގައިވިއަސް މޭކަޕް ކޮށްގެން ކަސްރަތު ކުރާ ކަމުގައި ވާނަމަ އެއިން ހަމަ ވަރަށް ގެއްލުން ލިބެއެވެ. އެހެންކަމުން ދެން ފަހަރަކުން މޭކަޕް ކޮށްގެން ޖިމަށް ދިއުމުގެ ކުރިން ތިރީގައި މި ބުނެދޭ ނުކުތާތަކަށް ވިސްނާލަންވާނެއެވެ.
މޭކަޕަކީ ބެކްޓީރިއާ އެޓްރޭޓް ކުރާ އެއްޗެއްކަމުން މޭކަޕް ކޮށްގެން ކަސްރަތު ކުރާއިރު ހިއްލާ ދަލުން މޫނަށް ބެކްޓީރިއާގެ އަސަރު ކުރާނެއެވެ. ކަސްރަތު ކުރަނީ ހަށިގަނޑުގައި ހުންނަ ޓޮކްސިންތައް ބޭރު ކުރަން ކަމުގައިވާތީ މޭކަޕް މޫނުގައި ހުރުމުން އެ ބޭރުވާ ޓޮކްސިންތައް ހުންނާނީ މޫނުގައި ތާށިވެފައެވެ.
މޫނުގައި ނަގާ ބިއްސާއި ޕޯސްތައް ބެދިފައިވާނަމަ އެކަންކަމަކީ ހައްލުކުރެވޭ ކަންކަމެވެ. ނަމަވެސް ޕޯސްތައް ބޮޑުވާން ފަށައިފިކަމަށްވާނަމަ އެއިން އެހާ ފަސޭހައިން ސަލާމަތެއް ނުވެވޭނެއެވެ. ކަސްރަތު ކުރުމުން ޕޯސްތައް ހުޅުވޭއިރު ޕޯސްތައް އަބަދު ބެދޭކަމުގައިވާނަމަ ދެން އެ ޕޯސްތައް ފަށާނީ ބޮޑުވާންށެވެ.
ހާއްސަކޮށް ނާޒުކު ހަމެއްގެ ވެރިއެއްނަމަ ކަސްރަތު ކުރުމުގެ ކުރިން މޭކަޕް ފިލުވުމަކީ ކޮންމެހެން މުހިންމު ކަމެކެވެ. އެހެން ނޫންނަމަ މޫނު ރަތްވެ، މޫނުގެ ކުލަ ތަފާތުވެ ހަމަށް އެކި ކަހަލަ އުނދަގޫވާން ދިމާވެއެވެ.
އެއްވެސް ވަރަކަށް މޭކަޕާ ނުލާ ނޫޅެވޭނަމަ ކަސްރަތު ކުރަން ދާއިރު ނޮން-ކޮމޯޑޮޖެނިކް ޕްރޮޑަކްޓްސް އިހްތިޔާރު ކުރާށެވެ. އޮއިލް ހިމެނޭ މޭކަޕާއި ހެވީ މޭކަޕް ނުކޮށް ލުއި މޭކަޕެއް އިހްތިޔާރު ކުރާށެވެ. ފައުންޑޭޝަނުގެ ބަދަލުގައި ސީސީ ކްރީމް ބޭނުން ކުރާށެވެ. އަދި މޫނުގައި އިން ބިހިއެއް ފޮރުވަންކަމުގައިވާނަމަ މުޅި މޫނުގައި މޭކަޕް ހޭކުމުގެ ބަދަލުގައި ކޮންސީލާއެއް ހަމައެކަނި ބިހީގައި ހާކާލާށެވެ.