ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)ގެ ރައީސް މުހައްމަދު ލަތީފުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅައި، އެ މަގާމުން އޭނާ ވަކިކޮށްފިއެވެ.
ވީއޭއެމްގެ ރައީސްގެ މަގާމުން ލަތީފް ވަކިކޮށްފައިވަނީ މިއަދު ހެނދުނު ސޯޝަލް ސެންޓަރު ސެމިނާ ރޫމުގައި ބޭއްވި އެ އެސޯސިއޭޝަންގެ އާންމު ޖަލްސާގައެވެ. އެ ޖަލްސާގައި ވީއޭއެމްގެ މެމްބަރު އަށް ކްލަބުގެ ތެރެއިން ހަ ކްލަބަކުން ބައިވެރިވިއެވެ.
އެ ބައްދަލުވުމަކީ ވީއޭއެމްގެ ހިންގާ ކޮމިޓީން ބޭއްވި ބައްދަލުވުމެކެވެ. ބައްދަލުވުމުގެ ރިޔާސަތު ނައިބު ރައީސް އަލީ ފަޒާދު ބެލެހެއްޓެވި އިރު، ކޯޗާސް ކޮމިޝަންގެ ޗެއާމަން މުހައްމަދު ސާޖިދާއި ބީޗް ވޮލީބޯލް ޑިވެލޮޕްމަންޓްގެ ޗެއާމަން އަބްދުﷲ ނަޝީދު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މިއަދު ބޭއްވި ވީއޭއެމްގެ އާންމު ބައްދަލުވުމުގައި ލަތީފުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅާފައިވަނީ ދިވެހި ސިފައިންގެ ކްލަބު (ޑީއެސްސީ) އިންނެވެ. ޑީއެސްސީގެ އެ ހުށަހަޅުމަށް ތާއީދުކުރީ މޯލްޑިވިއަން ރެކްރިއޭޝަން ކްލަބުންނެވެ. އެ ހުށަހެޅުން ފާސްވެފައިވަނީ އިއްތިފާގުންނެވެ.
އޭގެ އިތުރުން ވީއޭއެމްގެ ރައީސްކަމުގެ މަގާމު ހުސްވުމާ ގުޅިގެން އެ އެސޯސިއޭޝަންގެ ހިންގާ ގަވާއިދު ބުނާ ގޮތުން 30 ދުވަހުގެ ތެރޭގައި އާ އިންތިހާބެއް ބޭއްވުމަށް ތިން މެމްބަރުންގެ ކޮމިޓީއެއް ނެގުމަށް ވެސް ހުށަހެޅުމެއް ހުށަހަޅައި ފާސްކޮށްފައިވެއެވެ. ޑީއެސްސީން ހުށަހެޅީ މިއަދުގެ ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވި ފަޒާދާއި ކާއްޓޭ އަދި އަބްދުﷲ ނަޝީދު އެ ކޮމިޓީގައި ހިމެނުމަށެވެ. އެ ހުށަހެޅުން ވެސް ފާސްވީ އިއްތިފާގުންނެވެ.
ވީއޭއެމްގެ ހިންގާ ގަވާއިދު އިސްލާހުކުރުމަށް ވެސް އެ ބައްދަލުވުމުގައި ވަނީ ފާސްކޮށްފައެވެ. އަދި އަސާސީ ގަވާއިދު އިސްލާހުކުރުމުގެ މަސައްކަތް 100 ދުވަހުގެ ތެރޭގައި ނިންމުމަށް ވެސް ޕޮލިސް ކްލަބުގެ އެ ހުށަހެޅުމުގައި ބުނެފައިވެއެވެ. އެ ހުށަހެޅުން ވެސް ފާސްވެފައިވަނީ އިއްތިފާގުންނެވެ.
ވީއޭއެމްގެ މެމްބަރު ކްލަބުތަކުގެ ގޮތުގައި ކަނޑައަޅާފައިވާ އަށް ކްލަބަކީ ޕޮލިސް ކްލަބު، ޑީއެސްސީ، މޯލްޑިވިއަން، ގުޑީސް ސްޕޯޓްސް ކްލަބު، ސްޕޯޓްސް ކްލަބު ސިޓީ، ސްޕޯޓްސް ކްލަބު ހޯކްސް، ސްޕޯޓްސް ކްލަބު ހާފް ލައިން އަދި ޔޫތު ޖެނެރޭޝަނެވެ.
ވީއޭއެމްގެ ރައީސްކަމުން ލަތީފް ވަކިކޮށްފައި މިވަނީ ސްޕޯޓްސް ކޮމިޝަނަރު އަހްމަދު ސަލީމް (ހީނާ ސަލީމް) އާއި ލަތީފާ ދެމެދު މައްސަލަތަކެއް ޖެހިފައިވަނިކޮށެވެ. އެ މައްސަލަތައް ފެށިގެންދިޔައީ ވީއޭއެމްގެ އިންތިހާބީ ކޮމިޓީ އަތުން ހިންގާ ކޮމިޓީގެ ބާރުތައް ނަގައި، އެ ބާރުތައް ނޯމަލައިޒޭޝަން ކޮމިޓީއަކާ ހަވާލުކުރުމުންނެވެ.
ކޮމިޝަނަރ އޮފް ސްޕޯޓްސްގެ އެ ނިންމުން ވޮލީބޯޅައިގެ މައި އިދާރާ، އެފްއައިވީބީން ބަލައިގަނެފައެއް ނުވެއެވެ. އެފްއައިވީބީން ބަލައިގަންނާނީ ވީއޭއެމްގެ އިންތިހާބީ ކޮމިޓީ ކަމަށް ބުނެ، އެސޯސިއޭޝަން އަލުން އިންތިހާބީ ކޮމިޓީއާ ހަވާލުކުރުމަށް އެ ފެޑެރޭޝަނުން އެންގި ނަމަވެސް، އެ އެންގުމާ އެއްގޮތަށް އަމަލުކޮށްފައެއް ނުވެއެވެ.
ވީއޭއެމްގެ ކުރީގެ ރައީސް މުހައްމަދު ރިޔާޒް ކުރިމަތިކުރުވި ސުވާލުތަކަކަށް ޖަވާބުދެމުން ވެސް އެފްއައިވީބީން ބުނީ ނޯމަލައިޒޭޝަން ކޮމިޓީ ބަލައިނުގަންނަ ކަމަށެވެ. އަދި އެ ކޮމިޓީން ބާއްވާ އިންތިހާބު ބަލައިނުގަންނާނެ ކަމަށް ވެސް އެފްއައިވީބީން ރިޔާޒަށް ފޮނުއްވި ސިޓީގައި ބުނެފައިވެއެވެ.
އޭގެ ފަހުން އަންނަ މަހު ފަށަން ހަމަޖައްސާފައިވާ، އޭޝިއަން ސެންޓްރަލް ސީނިއާ ވިމެންސް ވޮލީ ޗެމްޕިއަންޝިޕްއާ ގުޅޭގޮތުން ހިންގާ މުއާމަލާތްތައް ވީއޭއެމްގެ އިންތިހާބީ ރައީސް، މުހައްމަދު ލަތީފާ ކުރުމަށް އޭޝިއަން ވޮލީބޯލް ފެޑެރޭޝަން (އޭވީސީ) އިން ބަންގްލަދޭޝްގެ ވޮލީބޯލް ފެޑެރޭޝަނަށް ވެސް އަންގާފައިވެއެވެ.