ޚަބަރު

ނަސްރުގެ ދުވަހާއި ގުޅިގެން ސިފައިންގެ ހެވިކަމުގެ ހަރަކާތްތައް، މާލެއާއި ހުޅުމާލޭގައި ބާއްވަނީ

ޝަހީދާ އަބްދުﷲ ސައީދު

ދިވެހިރާއްޖޭގެ ފަހުރުވެރި 31 ވަނަ ނަސްރުގެ ދުވަހުގެ މުނާސަބަތުގައި، ސިފައިންގެ ހެވިކަމުގެ ހަކަރާތްތައް މާލެ އާއި ހުޅުމާލޭގައި ބާއްވާގޮތަށް ނިންމައިފި އެވެ.

އެމްއެންޑީއެފުން މިއަދު ބުނީ، ނަސްރުގެ ދުވަހުގެ މުނާސަބަތުގައި، ބާއްވާ ޑްރިލް ޑިސްޕްލޭ އާއި ބޭންޑުގެ ހަރަކާތްތައް ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު އެކެއް އަދި ދޭއްގައި ކަމަށެވެ.

އެގޮތުން، މާދަމާ ހަވީރު 16:30 ގައި ހުޅުމާލެ ސެންޓްރަލް ޕާކް ސަރަޙައްދުގައި ފެށުމަށް ހަމަޖެހިފައިވާ އެމްއެންޑީއެފް މިއުޒިކަލް ޑްރިލް ޑިސްޕްލޭ އާއި ބޭންޑުގެ ހަރަކާތްތައް ބަލައިލުމުގެ ފުރުސަތު އާންމުކޮށްވަނީ ހުޅުވާލާފައެވެ.

އެމްއެންޑީއެފުން ބުނިގޮތުގައި މި ހަރަކާތްތައް ކުރިއަށްދާއިރު، އާންމުންނަށް ޑްރިލް ސްކޮޑާއި ބޭންޑް އެންޑް މިއުޒިކް ވިންގްގެ ސިފައިންނާއެކު ފޮޓޯ ނެގުމުގެ ފުރުސަތު ހުޅުވާލާގޮތަށް ވަނީ ހަމަޖެހިފައެވެ.

ނޮވެމްބަރު ދެވަނަ ދުވަހު، ޖުމުހޫރީ މައިދާނުގައި ބޭއްވުމަށް ހަމަޖެހިފައިވާ އެމްއެންޑީއެފް މިއުޒިކަލް ޑްރިލް ޑިސްޕްލޭ އާއި ބޭންޑުގެ ހަރަކާތްތައް ދައްކާލުން އޮންނާނީ އެދުވަހުގެ 16:30 ގައެވެ.

މިއުޒިކަލް ޑްރިލް ޑިސްޕްލޭ އަކީ އަސްކަރީ ސިފަވަންތަކަމާއި ސަފުތަކުގެ ބަދަހިކަމާއި އެއްބައެއްގެ ގޮތުގައި މަސައްކަތްކުރުމުގެ މަތިވެރި ރޫޙު ވަރަށް ފުރިހަމައަށް ދައްކުވައިދޭ ހެވިކަމެކެވެ. އަދި މެހެތަރުގެ އެއްވެސް ކޮމާންޑެއް ނެތި ވަކި ސީކުއެންސަކަށް ސިފައިން އެއްބައެއްގެ ގޮތުގައި ހެވިކަމުގެ އެކިއެކި ހަރަކާތްތައް ދައްކުވައިދޭ މަންޒަރުތައް ހިމެނޭ ހަރަކާތެކެވެ.