ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް ރައްޔިތުންގެ މަޖިލީހުން އައްޔަން ކުރާ މެންބަރެއްގެ ގޮތުގައި ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫން ހަމަޖައްސަވައިފި އެވެ.
ފާރިސް މައުމޫނު ޖޭއެސްސީގެ މެންބަރުކަމަށް ހޮވުނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުންނެވެ.
ޖޭއެސްސީގެ މެންބަރުކަމަށް ފާރިސް އަށް ވޯޓަށް އެހި އިރު، އެމަގާމަށް އޭނާއާ އެކު ކުރިމަތިލެއްވި ގައްދޫ ދާއިރާގެ މެންބަރު އަހުމަދު ރަޝީދު ވަނީ ވޯޓުގެ ކުރީން ނަން އަނބުރައި ގެންގޮސްފަ އެވެ.
ރަޝީދު ވިދާޅުވީ އެ މަގާމުގައި ކުރީން ހުންނެވި ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ރިޒާ އަކީ އިހުލާސްތެރި ބޭފުޅެއް ކަމަށެވެ. އެހެންނަމަވެސް ރިޒާ އެ މަގާމުން ވަކިކުރީ އިންސާފާ ނުލާ ކަމަށާއި އެހެންކަމުން މެމްބަރުގެ މަގާމުން ނަން ނަންގަވާކަމަށް ރަޝީދު ވިދާޅުވިއެވެ.
ޕީޕީއެމްގެ މެންބަރެއްގެ ގޮތުގައި ހުންނެވި ރިޒާ ޖޭއެސްސީގެ މެންބަރު ކަމަށް އައްޔަން ކުރެއްވުމަށް މަޖިލީހުން ރުހުން ދީފައިވަނީ 23 ޖުލައި 2014 ގައެވެ. އަދި ޖޭއެސްސީގެ މެންބަރުކަމަށް އައްޔަން ކުރައްވާފައިވަނީ 24 ޖުލައި 2014 ގައެވެ.