ޚަބަރު

ސީއެސްސީގެ ހަތަރު މެމްބަރެއްގެ މައްސަލަ ބަލަނީ

1

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ ހަތަރު މެމްބަރެއްގެ މައްސަލަ ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ނިންމައިފިއެވެ.

މިނިވަން މުއައްސަސާ ކޮމިޓީން ބަލަން ނިންމާފައިވަނީ ސީއެސްސީގެ ރައީސް ޑރ. އަލީ ޝަމީމާއި ނައިބު ރައީސް ޝަހީދު މުހައްމަދާއި މެމްބަރު އިބްރާހިމް ޝަހީގު އަދި ޒަކަރިއްޔާ ހުސައިންގެ މައްސަލައެވެ. އެ މެމްބަރުންނަށް ކުރާ ތުހުމަތަކީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ކަންތައްތަކެއް ކުރިކަމުގެ ތުހުމަތެވެ.

އެ ހަތަރު މެމްބަރުންގެ މައްސަލައެއް ބެލުމަށް ކޮމިޓީން ނިންމާފައިވަނީ ސީއެސްސީއާ ގުޅޭ މައްސަލަތަކެއް ދިރާސާކޮށް، ނައިބު ރައީސް ޝަހީދު މެމްބަރުކަމަށް ޝަރުތު ހުމަނުވަނީސް އައްޔަންކޮށްފައިވާ މައްސަލައެއް ސަބް ކޮމިޓީއަކުން ބަލަމުންދަނިކޮށެވެ.

މިއަދު އޮތް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކޮމިޓީގެ މުގައްރިރު އަދި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވީ މިހާތަނަށް ސަބް ކޮމިޓީގެ ހޯދުންތަކުން ކޮމިޝަނުގެ ހަތަރު މެމްބަރެއްގެ އިހުމާލު އޮތްކަން ފެންނަ ކަމަށާއި އެ ހަތަރު މެމްބަރުން ވެސް ވަކިކުރުމަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި ކޮމިޓީގެ މެމްބަރުން ނިންމީ ކޮމިޝަނުގެ އެއް މެމްބަރަކަށް ފިޔަވަޅު އެޅުމުގެ ބަދަލުގައި ހަތަރު މެމްބަރުންގެ މައްސަލަ ވެސް ބެލުމަށެވެ.

ޝަހީދު މެމްބަރުކަމަށް ޝަރުތު ހުމަނުވަނީސް އައްޔަންކޮށްފައިވާ މައްސަލައާ ގުޅިގެން އޭނާއަށް ޖަވާބުދާރީވުމުގެ ފުރުސަތު ދިނުމަށް މިއަދު ބައްދަލުވުމެއް ތާވަލުކޮށްފައިވީ ނަމަވެސް، އޭނާ ހާޒިރުވުމަށް އުޒުރުވެރިވާ ކަމަށް ވިދާޅުވެ މިދިޔަ އާދީއްތަ ދުވަހު މަޖިލީހަށް ވަނީ އަންގައިފައެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟