މިދުވަސްވަރަކީ ރާއްޖެއަށް މޫސުން ގޯސް، ކަނޑުގަދަ، ދުވަސް ވަރަކަށް ވެފައި، ރާއްޖޭގެ އުތުރުގެ ސަރަހައްދުގައި އުފެދިފައިވާ ކޮޅިގަނޑު އިތުރަށް ބާރުގަދަވެ ތޫފާނަކަށް ބަދަލުވުމާއި ގުޅިގެން ކަނޑުދަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެމްއެންޑީއެފުން އިލްތިމާސްކޮށްފިއެވެ.
އެމްއެންޑީއެފުން ބުނީ، ރާއްޖެގެ އުތުރުގެ ސަރަހައްދުގައި އުފެދިފައިވާ ތޫފާން ކުރިއަށް އޮތް 24 ގަޑިއިރުތެރޭގައި އިތުރަށް ބާރުގަދަވެ، ރާއްޖެގެ ހުޅަނގު އުތުރަށް ރާއްޖެއާއި ދުރަށް އަރަބި ކަނޑަށް ޖެހުމުން ދާނެ ކަމަށް މޫސުމާ ބެހޭ އިދާރާއިން ބުނެފައިވާ ކަމަށެވެ.
އޭގެ އިތުރުން ތޫފާނާއި ގުޅިގެން ކުރިއަށް އޮތް 24 ގަޑިއިރު ތެރޭގައި ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަ ކުރުމާއެކު އުތުރާއި މެދުތެރޭގެ ބައެއް ރަށްތަކަށް ވިލާގަނޑުގައި 50 މޭލަށް ވައިގަދަވެ ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާ ކުރާތީވެ، ކަނޑު ދަތުރުކުރާ ފަރާތްތަކުން، މޫސުމަށް އަންނަ ބަދަލުތައް، މޫސުމާއި ބެހޭ އިދާރައިން އޮޅުން ފިލުވުމަށްފަހު ދަތުރުތަށް ރޭވުމަށް އެމްއެންޑީއެފުން އިލްތިމާސް ކުރެއެވެ.
އެގޮތުން ދަތުރުކުރައްވާ ނަމަ އަންގަންޖެހޭ ފަރާތްތަކަށް އެންގުމަށްފަހުގައި ނޫނީ ދަތުރު ނުކުރެއްވުމަށާއި ދަތުރުކުރައްވާ އުޅަނދުގައި ލައިފް ޖެކެޓާއި މުވާސަލާތީ ނިޒާމާއި ދިޔަހިއްކާ ޕަންޕު ފަދަތަކެތި ހުރީ ރަނގަޅަށްތޯ ޗެކް ކުރުމަށް އެމްއެންޑީއެފުން އެދެއެވ.ެ
ރޭގަނޑު ދަތުރުތަށް ކުރައްވާނަމަ އިތުރަށް ސަމާލުވުމަށާއި މުދާ އުފުލާ އުޅަނދުފަހަރުން ދޯންޏަށް މުދާ ބަރުކުރުމުގައި އެކަށީގެންވާ ވަރަށްވުރެ ބޮޑަށް ބަރު ނުކުރެއްވުމަށާއި، ރަނގަޅަށް ލައިސަންލާފައި ބެހެއްޓުމަށް ވެސް އިލްތިމާސް ކޮށްފައިވެއެވެ.
މީގެއިތުރުން ޑައިވިން ކުރުމާއި އެހެނިހެން މޫދުކުޅިވަރުތައް ރާވާ ހިންގާ ފަރާތްތަކުން މޫސުމަށް ބަލައިގެން ކުޅިވަރުތަށް ރާވާ ހިންގެވުމަށާއި ފަޅުތެރޭގައްޔާއި ފަޅުން ބޭރުގައި އަޅާފައިވާ އުޅަނދުފަހަރާއި ހަވާލުވެފައިވާ ފަރާތްތަކުން ވެސް އޮޑިދޯނިފަހަރު ބެލެހެއްޓުމާއި ދިޔަހިއްކުމަށް އިތުރަށް ސަމާލުކަންދިނުމަށް އެމްއެންޑީއެފުން ވަނީ އެދިފައެވެ.
އެމްއެންޑީއެފުން ވަނީ، ކަނޑުދަތުރުފަތުރު ކުރައްވާ ފަރާތްތަކުން އެއްވެސް ހާދިސާއެއް ހިނގައިފިނަމަ، ލަސްނުކުރައްވާ ކޯސްޓްގާޑްގެ ހިލޭ ގުޅޭ ނަންބަރު 191 އަށް ގުޅުއްވުން އެދެމެވެ.