ޚަބަރު

މުރުތައްދުވެފައިވާކަމަށް ކަނޑައަޅާފައިވާ ވެލެޒިނީ ރާއްޖެ އަތުވެއްޖެ

ޝަހީދާ އަބްދުﷲ ސައީދު

މުރުތައްދުވެފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ކަނޑައަޅާފައިވާ އައިޝަތު ވެލްޒިނީ ރާއްޖެ އަތުވެއްޖެ އެވެ.

ވެލެޒިނީ މިއަދު ރާއްޖެ އައިއިރު، އޭނާގެ ފޭސްބުކް ޕްރޮފައިލްގައި ބުނާ ގޮތުން އޭނާ ދިރިއުޅެމުން ދިޔައީ ނެދަލެންޑްސްގައި ރެފިއުޖީއެއްގެ ގޮތުގަ އެވެ.

އިސްލާމް ދީނާ ޚިލާފު ވާހަކަތައް ދެއްކުމުގެ ސަބަބުން އިސްލާމިކް މިނިސްޓްރީން ވަނީ ވެލެޒިނީ އަކީ މުރުތައްދުވެފައިވާ މީހެއް ކަމަށް ކަނޑައަޅާފައެވެ.

އެގޮތުން އެމިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައި ވަނީ އިސްލާމްދީނުގެ އުސޫލުތަކާއި ޚިލާފު މިފަދަ ވާހަކަ ދައްކާ ހެދުމަކީ އިސްލާމްދީނުގައި އެއްވެސް މީހަކަށް ލިބިގެންވާ ހައްގަކަށް ނުވާތީ، އިސްލާމްދީނާ ޚިލާފަށް މިފަދަ ވާހަކަ ދައްކާ ފަރާތެއް، އެއީ މުރުތައްދު ވެފައިވާ ފަރާތެއްކަން ދީނުގެ އުސޫލުތަކުން ކަނޑައަޅައިދީފައިވާ ކަމަށެވެ.

މީގެއިތުރުން 23 މެއި 2017 ގައި ފުލުހުން ވަނީ ވެލެޒިނީއަށް އެ އިދާރާއަށް ހާޒިރުވުމަށް އަންގާފައެވެ. އެގޮތުން 14 ދުވަސްތެރޭގައި ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށް ވެލިޒިނީއަށް އަންގާފައި ވެއެވެ.