ދުންޔާ މައުމޫން

ބައްޕަ ކުރިޔަށް ނެރެދިން ކިތައް މީހުން އަރިހުގައި ދެމިތިބޭނެތޯ ސުވާލު އުފެދޭ: ދުންޔާ

ބައްޕާފުޅު ރައީސް މައުމޫނު، ކުރީ ސަފަށް ނެރެދިން މީހުންގެ ތެރެއިން އަރިހުގައި ކިތައް މީހުން ދެމިތިބޭނެތޯ ސުވާލު އުފެދޭ ކަމަށް ދުންޔާ މައުމޫނު ވިދާޅުވެއްޖެ އެވެ.

ރައީސް މައުމޫނުގެ ދަރިކަނބަލުން ދުންޔާ މައުމޫނު މިހެން ވިދާޅުވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަޚުލޫފު ރޭގެ ވަގުތެއްގައި އެމްޑީޕީއަށް ސޮއިކުރެއްވުމާ ގުޅިގެން އޭނާ އަށް މަރުހަބާ ވިދާޅުވެ ކުރެއްވި ޓުވީޓެއްގަ އެވެ.

ދުންޔާގެ ޓުވީޓުގައި ވަނީ ގައުމުގެ ކަންކަން ހަމަ މަގަށް އެޅުވުމަށް މަޚުލޫފު ކުރެއްވި ހިތްވަރާއި މަސައްކަތް ފާހަގަކުރައްވައިފަ އެވެ.

"އަސްލު ކުލަ އަބަދުވެސް ފެނިގެން ދާނެ. އަޅުގަނޑުގެ ދުއާ އަކީ ހުރިހާ ކުލަތަކާ އެކު ވެސް ކޯލިޝަން އެކުވެރިކަމާއި ބަދަހިކަންމަތީ ދެމިއޮތުން. އަޅުގަނޑުމެން އަސްލު ބާރުވެރިވާނީ އަޅުގަނޑުމެންގެ ތެރޭގައި ގުޅުންތެރިކަން އޮވެގެން." ދުންޔާ ވިދާޅުވި އެވެ.

ބައްޕާފުޅު ރައީސް މައުމޫނު ސިޔާސީ ދާއިރާއަށް ނެރެ ހެދުން އަޅުވައިދިން މީހުންގެ ތެރެއިން އެމަނިކުފާނުގެ އަރިހުގައި ދެމިތިބޭނީ ކިތަން މީހުންތޯ މިއަދު ސުވާލު އުފެދޭ ކަމަށް ދުންޔާގެ ޓުވީޓުގައި ވިދާޅުވި އެވެ. ދުންޔާ އެހެން އެ ވިދާޅުވީ، ރައީސް މައުމޫނު ސިޔާސީ ދާއިރާއަށް ނެރެދެއްވި ގިނަ ބަޔަކު މިއަދު އެމަނިކުފާނު ދޫކުރައްވައި އެހެން ފިކުރުތަކާ ދިމާ އަށް ގޮސްފައި ވާތީ ކަމަށް ބެލެވެ އެވެ.

ދުންޔާ ވިދާޅުވީ ރާއްޖެ މިދެކޭ ޑިމޮކްރެސީ އަދި ޒަމާނީ ދިވެހިރާއްޖޭގެ ބައްޕަ އަކީ އެކަމަނާގެ ބައްޕާފުޅު ރައީސް މައުމޫނު ކަމަށެވެ. އެހެން ކަމުން ދެމިހުންނަވާނީ ކުރިޔެކޭ ވެސް އެއްފަދައިން އެމަނިކުފާނު ދިފާއުކުރެއްްވުމުގައި ކަމަށް ދުންޔާ ވިދާޅުވި އެވެ.