ޝަހީދާ އަބްދުﷲ ސައީދު
އުފެދިގެން އުޅެނީ ސުޕްރީމް ކޯޓުން ބަލަމުންދާ މައްސަލައެއްގެ ޚަސްމުންގެ މައްސަލަ ނޫން ކަމަށާއި އުފެދިގެން އުޅެނީ ގާނޫނީ ވަކީލެއްގެ ހައްގު، ހަޖަމު ނުވުމުގެ މައްސަލަ ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.
ޑރ. ޖަމީލު މިހެން ވިދާޅުވީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދުގެ މައްސަލަ ތަހުގީގު ކުރަން މިއަދު ބޭއްވި ޖޭއެސްސީގެ ކޮމިޓީގެ ނިންމުމާ ގުޅިގެންނެވެ. މިއަދު ޖޭއެސްސީގެ ކޮމިޓީން ނިންމީ ފަނޑިޔާރު އާދަމްގެ ވަކީލެއްގެ ގޮތުގައި ޖަމީލު ބަލައި ނުގަތުމަށެވެ.
އެގޮތަށް ނިންމާފައިވަނީ ޑރ. ޖަމީލަކީ ސުޕްރީމް ކޯޓުން މިހާރު ބަލަމުންދާ މައްސަލައެއްގެ ހަސްމެއް ކަމަށް ވާތީ ކަމަށް ކޮމެޓީން ބުނެއެވެ. އެގޮތުން ފަނޑިޔާރު އާދަމް ވެސް ބައްލަވާ އެ މައްސަލައިގެ ހަސްމަކު ފަނޑިޔާރު އާދަމްގެ ދިފާއީ ވަކީލެއްގެ ގޮތުގައި އައްޔަނު ކުރެއްވުމަކީ ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ހިލާފު ކަމެއް ކަމަށް ކޮމިޓީއަށް ގަބޫލު ކުރެވޭ ކަމަށް މައްސަލަ ބަލައި ކޮމެޓީން ބުނެފައިވެއެވެ.
އެހެންކަމުން އާދަމްގެ އެމައްސަލައިގެ ވަކީލެއްގެ ގޮތުގައި ޑރ. ޖަމީލު ބަލައިގަނެވެން ނެތް ކަމަށް ކަނޑައަޅައި އަޑުއެހުން މާދަމާއަށް ފަސްކުރީ އެހެން ވަކީލެއް ހަަމަޖެއްސުމަށް އާދަމަށް ފުރުސަތު ދިނުމަށްފަހު އެވެ. ކޮމެޓީގެ އެނިންމުމާއި ގުޅިގެން ފަނޑިޔާރު އާދަމް ވަނީ ވާހަކަދައްކަވަން ފުރުސަތަކަށް އެދިވަޑައިގެންފައެވެ. ނަމަވެސް އެފުރުސަތު ނުދެއްވައި ކޮމެޓީގެ ބައްދަލުވުން ނިންމަވައިލެއްވުމުން ޑރ. ޖަމީލު ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
ޑރ. ޖަމީލު މިއަދު ކުރެއްވި ޓުވީޓުގައި ވިދާޅުވީ، ޖޭއެސްސީ ސިޔާސީވެ ނިމިއްޖެ ކަމަށާއި ގާނޫނުއަސާސީން ދީފައިވާ ވަކީލެއްގެ އެހީ ހޯދުމުގެ ހައްގުވެސް ހަނިކޮށްފި ކަމަށެވެ. އެގޮތުން ފަނޑިޔާރު އާދަމް މުހައްމަދުގެ މައްސަލައިގައި އުޅެނީ ޚަސްމުންގެ މައްސަލައެއް ނޫން ކަމަށާއި ވަކީލެއްގެ ހައްގު ހަޖަމްނުވުމުގެ މައްސަލައެއް ކަމަށް ޖަމީލު ވިދާޅުވިއެވެ.
ޖަމީލު ވިދާޅުވީ ޖޭއެސްސީ ލަދުވެތިވާންޖެހޭ ކަމަށާއި އަމިއްލައަށް ބޭނުން ގޮތެއް ނިންމައި، ބަހެއް ބުނެލުމުގެ ފުރުސަތު ވެސް މައްސަލަ ރައްދުވާ ފަރާތަށް ނުދީ، ބާރު އޮތްކަން ދައްކާލީ ކަމަށެވެ.
''އަމިއްލައަށް ބޭނުން ގޮތެއް ނިންމައި، ބަހެއް ބުނެލުމުގެ ފުރުސަތު ވެސް މައްސަލަ ރައްދުވާ ފަރާތަށް ނުދީ، ބާރު އޮތްކަން ދައްކާލީ. ތިހާވަރަކަށް ޖުޑިޝަރީ އިސްލާހު ކުރެވޭނީ'' ޑރ. ޖަމީލު ވިދާޅުވިއެވެ.
އެމައްސަލައާ ގުޅިގެން ޖޭއެސްސީން މިއަދު ބުނީ، ޑރ. މުހައްމަދު ޖަމީލު އަހުމަދު، ޚަސްމެއްގެ ގޮތުގައި ހިމެނޭ މައްްސަލައެއް ބައްލަވަމުން ގެންދަވާ ފަނޑިޔާރެއްގެ ވަކީލަކަށް ވުމަށްޓަކައި އެ ފަނޑިޔާރާ މުއާމަލާތްކޮށް، ވަކީލެއްގެ ގޮތުގައި ގަބޫލުކުރުމަކީ ގާނޫނީ ފަންނުގެ އަސްލުތަކަށް ފުށުއަރާ ކަމެއް ކަމަށެވެ.
ޖޭއެސްސީން ބުނިގޮތުގައި އީ ފަނޑިޔާރުގެ ސުލޫކާ ހިލާފު ކަމެއްގައި ބައިވެރިވުމުގެ އަމަލެއް ކަމަށް ވާތީ އެކަން ބަލައިދިނުމަށް ދިވެހިރާއްޖޭގެ ބާ ކައުންސިލަށް ހުށަހެޅުމަށް ވެސް ކޮމިޓީން ނިންމާފައިވާ ކަމަށެވެ.
ޖަމީލު ވަކީލެއްގެ ގޮތުގައި ހަމަޖެއްސެވުމުން ފަނޑިޔާރު އާދަމް މުހައްމަދުގެ ސުލޫކީ މައްސަލައެއް ޖޭއެސްސީއަށް ހުށަހަޅަން ވެސް ތަހުގީގު ކޮމިޓީން މިއަދު ނިންމިއެވެ.